ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައިފިއެވެ.
މި ގޮތުން މި ޚިދުމަތް ލިބިގަތުމަށްޓަކައި މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓަނަންސް ފީ، މިމަހުން ފެށިގެން ނުނަގާ ގޮތަށް ބޭންކުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި ޚިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.
ޕޭމަންޓް ގޭޓްވޭއަށް ގެނައި ހެޔޮ ބަދަލާއި ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ، އީ ކޮމަރސް ގެ ޚިދުމަތް ދިވެހިރާއްޖޭގައި ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންދާކަމަށެވެ.
"މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭ ގެ ޚިދުމަތް ހޯދާ 112 މަރޗަންޓުން އެބަތިބި. އަދި މިދިޔަ އަހަރު ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް
ބީއެމްއެލްއިން ބުނީ، ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރިފަށާ މީހުން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި މި ޚިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދެމުންދާކަމަށެވެ.
ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް ގެނައި މި ބަދަލަކީ ވޭތުވެދިޔަ ދިގު މުއްދަތުގައި ބީއެމްއެލް އިން ކުދި ވިޔަފާރިތަކާ އޮތް ގާތް ގުޅުމާ އެ ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ބަދަލެއްގެގޮތުގައި ބީއެމްއެލުން ދެކެއެވެ.
މިފަދަ ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަކީ ބީއެމްއެލްއިން އަބަދުވެސް އިސްކަމެއްދޭ ކަމެއްކަމަށް އެބޭންކުން ބުނެއެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ދެމުންނެވެ.
މީގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިންގ އަދި ޑިޖިޓަލް ވޮލެޓްގެ ޚިދުމަތްވެސް ހިމެނެއެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށްވުރެ ގިނަ މުޢާމަލާތްކޮށްފައިވެއެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުޢާމަލާތްތަކުގެ %90 އަށް ވުރެ ބޮޑު އަދަދެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.