ޗައިނާގެ ޤާނޫނު ހަދާ މަޖުލީހަށް ލަފާއަރުވާ ޤައުމީ ކޮމިޓީގެ ބައްދަލުވުންތައް ފެށިއްޖެއެވެ.
13 ވަނަ ނޭޝަނަލް ކޮމިޓީ އޮފް ދަ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޝަން ކޮންފަރެންސް، ސީ.ޕީ.ޕީ.ސީ.ސީ ކުރިއަށް ދަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ނުވަތަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައެވެ.
މި އަހަރުގެ މި ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ސީ.ޕީ.ޕީ.ސީ.ސީގެ ޗެއަރމަން ވަން ޔަންގް ވަނީ މ ކޮމިޓީއަކީ ޤައުމު ހިންގުމުގައި ހުރިހާ ރައްޔިތުންގެ ހިއްސާ ކަށަވަރުކުރުމަށް ޤާއިމްކުރެވިފައިވާ ކޮމިޓީއެއް ކަމުން ކޮމިޓީގެ ހިންގުން ހަރުދަނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިއަހަރުގެ ބައްދަލުވުމުގައި ޗައިނާގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ފަގީރުކަން ނައްތާލުމާއި ބޭރު ދުނިޔެއާ އޮންނަ ގުޅުން ބަދަހިކުރުމާ ބެހޭ މުހިންމު މަސައްކަތްތަކެއް ކުރާނެކަން ވަން ޔަން ފާހަގަކުރިއެވެ.
ޗައިނާގެ ޤާނޫނު ހަދާ މަޖިލީސް ނުވަތަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް، އެން.ޕީ.ސީއަށް ލަފާއަރުވާ މި ކޮމިޓީގައި ދެހާހަށްވުރެ ގިނަ މެންބަރުން ހިމެނޭއިރު، މީގެ ތެރޭގައި ޤައުމީ އަދި ސަރަހައްދީ މެންބަރުން ހިމެނެއެވެ. ކުރިއަށް އޮތް ދެ ހަފުތާގައި މި ކޮމިޓީއިން ޗައިނާގެ އިޤްތިޞާދީ، އިޖުތިމާޢީ، ސިޔާސީ، ޚާރިޖީ އަދި ދާޚިލީ ޤާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، އަލަށް ވުޖޫދަށް ގެނައުމަށް ބޭނުންވާ ޤާނޫނާއި ޤަވައިދުތަކުގެ މައްޗަށް މަޝްވަރާކޮށް، ޕްރޮޕޯސަލްތައް އެކުލަވާލާ، ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނޭކަމަށެވެ.
ޤާނޫނު ހަދާ މަޖުލީހަށް ލަފާއަރުވާ މިކޮމިޓީގެ ބައްދަލުވުންތަކަކީ ކޮންމެ އަހަރަކުވެސް މާރިޗުމަހު ޗައިނާގެ ޤާނޫނު ހަދާ މަޖިލިސް ހުޅުވޭ ދުވަސްވަރާ ދިމާކޮށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ޤާނޫނު ހަދާ މަޖިލީހާއި، ލަފާ އަރުވާ ކޮމިޓީގެ ބައްދަލުވުންތަކަށް އާންމުކޮށް ކިޔަނީ "ޓޫސެޝަންސް"އެވެ. ލަފާއަރުވާ ކޮމިޓީ ބައްދަލުވުންތައް ތިން ވަނަ ދުވަހު ފަށާފައިވާއިރު، މިއަހަރުގެ ޗައިނާގެ ޤާނޫނު ހަދާ މަޖުލީހުގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. ޤާނޫނު ހަދާ މަޖިލީހާއި، އެ މަޖިލީހަށް ލަފާއަރުވާ ކޮމިޓީގެ ބައްދަލުވުންތައް އާންމުކޮށް ދެ ހަފުތާއެއްހާ ދުވަހަށް ދިގުދެމިގެންދެއެވެ.
މި ބައްދަލުވުންތަކުގެ ތެރޭގައި ޗައިނާއިން ވޭތުވެދިޔަ އަހަރު ހާސިލުކޮށްފައިވާ ކަންތައްތަކުގެ ރިޕޯޓު ހުށަހެޅުމާއި، ކުރިއަށް އޮތް އަހަރުތަކަށް ކަނޑައެޅިފައިވާ ޕްލޭންތަށްވެސް އާންމުކުރާނެއެވެ. މި އަހަރު ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުން އިޤްތިޞާދީ އަދި ދާޚިލީ ގިނަ ޤާނޫނުތަކެއް ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުންތަކުގައި ޖުމްލަ ފަސްހާހެއްހާ މެންބަރުން ބައިވެރިވަމުންދާއިރު، މިކަމުގެ މައުލޫމަތު އާންމުކުރުމުގައި ޗައިނާ އަދި ބޭރު ޤައުމުތަކަށް ނިސްބަތްވާ ތިން ހާހަށްވުރެ ގިނަ ނޫސްވެރިން ހަރަކާތްތެރިވާނެއެވެ.