ޚަބަރު

ހެލްތު މިނިސްޓަރ އަމީން، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި


ދުނިޔެގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޮސް އެދަނޮމްއާ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އަމީންވަނީ ކުދި ޖަޒީރާ ޤައުމުތަކުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކުއްލި ކާރިޘާތަކުގައި އަވަސް ޚިދުމަތް ދިނުމާއި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

"ޕޭޝަންޓް ސޭފްޓީ"ގެ 4ވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރ އަމީން، ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވަނީ ކުވެއިތުގެ ހެލްތް މިނިސްޓަރ ބާސިލް ޙަމޫދު އަލްސަބަޙާވެސް ބައްދަލުކުރައްވާފައެވެ. މިބައްލުކުރެއްވުމުގައި ދެޤައުމުގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކަށް އަލިއަޅުއްވައި މަޝްވަރާކުރައްވާފައިވެއެވެ.

ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭގޮތުން 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ "ޕޭޝަންޓް ސޭފްޓީ" ބައްދަލުކުރެއްވުމުގައި މިނިސްޓަރ އަމީން ތަޤުރީރުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.