ވިޔަފާރި

ބިލިއަނަރުން އެންމެ ގިނައީ ޗައިނާގައި!


ދުނިޔޭގައި މިވަގުތު ބިލިއަނަރުން އެންމެ ގިނައީ ޗައިނާގައިކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

ޗައިނާގެ ހުރޫން އިންސްޓިއުޓުން ކޮންމެ އަހަރެއްގެ ޖެނުއަރީމަހަށްފަހު އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި މިވަގުތު ދެހާސް ހަތަރު ސަތޭކަ ހަތްދިހަ ބިލިއަނަރުން އެބަތިއްބެވެ. އޭގެތެރެއިން 658 މީހުންނަކީ ޗައިނާ މީހުންނެވެ. ދެވަނައަށް އެންމެ ގިނަ ބިލިއަނަރުން ތިބީ އެމެރިކާގައެވެ. އެމެރިކާގައި 584 ބިލިއަނަރުން ތިބިއިރު، ލިސްޓުގެ 3 ވަނަ ލިބޭ ޖަރުމަންވިލާތުގައި ތިބީ 117 ބިލިއަނަރުންނެވެ.

މިއަހަރު ނެރުނު ބިލިއަނަރުންގެ ލިސްޓުގައި 2470 މީހުން ތިބިއިރު، މިއީ މިދިޔަ އަހަރަށްވުރެ 224 މީހުން މަދު އަދަދެކެވެ. މިދިޔަ އަހަރު މިލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 430 މީހުންނަށް ބިލިއަނަރެއްގެ މަޤާމު ގެއްލިފައިވާއިރު، އޭގެ ތެރޭގައި ޗައިނާގެ 213 މީހަކާއި އިންޑިއާގެ 52 މީހެއް ހިމެނެއެވެ. އަނެއްކޮޅުން ބިލިއަނަރުންގެ ލިސްޓުން އަލަށް ޖާގަ ހޯދި މީހުންގެ އަދަދު 201 އަށް އަރައެވެ. އޭގެ ތެރޭގައި ޗައިނާގެ 52 މީހަކާއި އެމެރިކާގެ 39 މީހުންނާއި އިންޑިއާގެ 23 މީހުން ހިމެނެއެވެ.

މިލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ހާހަކަށްވުރެ ގިނަ މީހުންގެ އާމްދަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދަށަށް ގޮސްފައިވާއިރު، ހަތް ސަތޭކައަށްވުރެ ގިނަ މީހުންގެ އާމްދަނީ ވަނީ އިތުރުވެފައެވެ. ޗައިނާގެ ހުރޫން އިންސްޓިއުޓުން ކޮންމެ އަހަރަކު ނެރޭ ބިލިއަނަރުންގެ ލިސްޓަށް ބަލާލާއިރު، އެހެން އަހަރުތަކާ އަޅާ ބަލާއިރު މާބޮޑު ބަދަލެއް ނާދެއެވެ. މިލިސްޓުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފު ހޯދާފައިވަނީ މިދިޔަ އަހަރުން ފެށިގެން އެމަޤާމު ދަމަހައްޓަމުން އަންނަ އެމެރިކާގެ އެމޭޒޮން ކުންފުނީގެ ބާނީ، ޖެފް ބެޒޯޒްއެވެ. އޭނާގެ މިލްކިއްޔާތުގައި 147 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ލިސްޓުގެ ދެވަނަ ލިބެނީ އެމެރިކާގެ މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއަށެވެ. އޭނާގެ މިލްކިއްޔާތުގައި 96 ބިލިއަން ޑޮލަރު ހުރިއިރު، 88 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ލިސްޓުގެ 3 ވަނަ ލިބެނީ އެމެރިކާގެ ވޮރަން ބުފޭއަށެވެ. ގަދަ ދިހައެއްގައި ހިމެނޭ ހަމައެކަނި އޭޝިޔާގެ މަހުޖަނަކީ އިންޑިއާގެ މުކޭޝް އަމްބާނީއެވެ. އޭނާގެ މިލްކިއްޔާތުގައި 54 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެންމެ ގިނަ ބިލިއަނަރުން ޗައިނާގައި ތިބި ނަމަވެސް، އެންމެ މުއްސަނދި 10 މީހުންގެ ލިސްޓުން ޗައިނާގެ މީހަކަށް ޖާގައެއް ނުލިބެއެވެ.

ޗައިނާގެ އެންމެ މުއްސަނދި މީހާކަމަށްވާ، އަލީބާބާގެ ބާނީ ޖެކް މާއަށް ލިބެނީ ބިލިއަނަރުންގެ ލިސްޓުގެ 22 ވަނައެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ 39 ބިލިއަން ޑޮލަރެވެ. ބިލިއަނަރުންގެ ލިސްޓު އެކުލަވާލި ހުރޫން އިންސްޓިއުޓުން ބުނާގޮތުން، މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ޓެކްނޮލޮޖީ، މީޑިއާ އަދި ޓެލެކޮމް ދާއިރާގެ ވިޔަފާރިތަކުންނެވެ. ހުރޫން އިންސްޓިއުޓުން އެކުލަވާލާފައިވާ ބިލިއަނަރުންގެ ލިސްޓަކީ 31 ޖެނުއަރީއާ ހަމައަށް ލިބޭ މަޢުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހު އާއްމުކުރާ ލިސްޓެކެވެ.