ޚަބަރު

ޗެލްސީގެ އެއްވަނަ ކީޕަރަކީ އަދިވެސް ކެޕާ - ސާރީ


ޗެލްސީގެ އެއްވަނަ ކީޕަރަކީ އަދިވެސް ކެޕާ އަރިޒަބަލަގާ ކަމަށް ކޯޗު މައުރީސިއޯ ސާރީ ބުނެފިއެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި އިއްޔެރޭ ޓޮޓެންހަމް އަތުން މޮޅުވި މެޗުގައި ކެޕާ ބެންޗުގައި ބޭންދުމަށްފަހުއެވެ. ކެޕާ ބެންޗަށް ބަދަލުކުރީ ކޯޗާ ޖެހުނު މައްސަލައެއްގައެވެ. އެއީ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި އޭނާ ބަދަލު ކުރަން އުޅުމުން ކެޕާ ނުފޭބުމުން އުފެދުނު މައްސަލައެއްގައެވެ.

ނަމަވެސް ސާރީ ބުނީ އެ މައްސަލާގައި ކުލަބުން ކެޕާ ޖޫރިމަނާކޮށްފައިވުމުން މިހާރު އެކަން ނިމިފައިވާ ކަމަށެވެ. ސަރީ ބުނީ ކެޕާ ބާކީ ކުރުމަކީ ފަސޭހަ ނިންމުމެއް ކަމަށާއި، އެކަން ކުރީ އަދަބު ދިނުމުގެ ގޮތުންކަމަށް. އަދި މިއީ ދާއިމީ ނިންމުމެއް ނޫންކަމަށާއެވެ، ޗެލްސީގެ އެއްވަނަ ކީޕަރަކީ އަދިވެސް ކެޕާކަމަށް ސާރީ ބުންޏެވެ. ކޯޗު ބުނީ ދެމެޗަކަށްފަހު އޭނާއަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭނެކަމަށެވެ.

ކެޕާ ދަނޑުން ނުފޭބުމުން ސާރީ ވަރަށް ރުޅި އައެވެ. އަދި ދަނޑުން ނުކުމެންދިޔައީ ބިންމައްޗަށް ފެންފުޅިއެއްވެސް ޖަހާފައެވެ. އެކަމަކު ފަހުން އޭނާ އެނބުރި ބެންޗަށް ވަނީ އައިސްފައެވެ. މި މައްސަލާގައި ޗެލްސީގެ ޓީމުތެރޭގައި އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށް މިޑްފީލްޑަރު ޕެޑްރޯ ރޮޑްރިގޭޒް ވެސް ވަނީ ބުނެފައެވެ.