ޚަބަރު

ސަތޭކަ އިންސައްތަ ރެކޯޑަކާއެކު ކިންގްސް ބީސީ ޗެމްޕިއަންކަން ހޯދައިފި

ރެޕްޓާސް ބާސްކެޓްބޯޅަ ކްލަބް ބަލިކޮށް ހަތާވީސް ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކިންގްސް ބާސްކެޓްބޯޅަ ކްލަބުން ހޯދާއިފިއެވެ.

ކިންގްސް ބީސީއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސަތޭކަ އިންސައްތައިގެ ރެކޯޑަކާއެކުއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ފަސޭހަކަމާއެކު ކިންގްސް ކާމިޔާބުކުރީ ސަތޭކަ ޕޮއިންޓް ފަންސާސް އަށް ޕޮއިންޓުންނެވެ. މި މެޗުގައި ކިންގްސް ޓީމުގެ ފަރާތުން އެންމެ ރަގަޅު ކުޅުމެއް ފެނިގެންދިޔައީ ފައިނަލުގެ މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުﷲ އަމްޒަރުއެވެ. އޭނާ ވަނީ ފައިނަލް މެޗުގައި އެކާވީސް ޕޮއިންޓް ކިންގްސް އަށް ހޯދާއިދީފައެވެ.

މި މެޗުގައި ރެޕްޓާސް ބީސީން އެންމެ ރަގަޅަށް ކުޅުނީ އެޓީމަށް ތޭރަ ޕޮއިންޓް ހޯދާއިދިން މުހައްމަދު އީވާން ޒާހިރުއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގެ އިބްރާހިމް ނަސީމް، އަހުމަދު ހުޝާމް އަދި ހުސައިން ޙަލީމްގެ އިތުރުން ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ އަހުމަދު ފިރާޝް އާއި ރެޕްޓާސް ބާސްކެޓްބޯޅަ ކްލަބުގެ މަފާޒު މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ޗެމްޕިއަންކަން ހޯދާއިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަދި މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި އަބްދުﷲ އަމްޒަރު މުހައްމަދެވެ.