ޚަބަރު

ޕްރައިމަރީން ބަލިވި ޕާޓީގެ ނަމުގައި އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ - ސުޕްރީމް ކޯޓު


ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރެވުނު ނަމަވެސް އެ ޕާޓީގެ ނަމުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމަވައިފިއެވެ.

ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލައި، އެފަދަ ކެންޑިޑޭޓުންނަށްވެސް އިންތިޚާބުގައި ވާދަކުރެވޭގޮތަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުން މިފަދަ ހުކުމެއް ކުރީ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނަށް ގެނެވުނު ތިންވަނަ އިޞްލާޙާ ގުޅޭގޮތުން ދައުލަތުގެ މައްޗަށް ރައްދުވާގޮތަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރާއި، ޢަބްދުލް މާނިޢު ހުޞައިން ހުށަހެޅި މައްސަލައިގައެވެ. މީގެތެރެއިން ޖާބިރަކީ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެންނެވި ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ސިޔާސީ ޕާޓީއަކުން ބާއްވާ ޕްރައިމަރީން ބަލިވިޔަސް އިންތިޚާބުގައި އަމިއްލަ ގޮތުން ނުވަތަ އެ މެމްބަރަކު ޕްރައިމަރީގައި ވާދަކުރި ޕާޓީ ނޫން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ހައްގު ލިބުނު ނަމަވެސް ޕްރައިމަރީން ބަލިވި ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

މި ހުކުމުގައި ވަނީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ނިންމަނީ ޕާޓީތަކުން ކަނޑައަޅާ ސިޔާސަތެއްގެ ތެރެއިން ކަމަށާއި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއަކީ ގާނޫނަކުން ތަންފީޒު ކުރެވިގެން ބާއްވާ ކަމެއް ނޫން ކަމަށެވެ. އަދި ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި ވާދަނުކުރެވޭ ގޮތަށް ކަނޑައެޅުމަކީ ތަހުޒީބީ މުޖުތަމައުތަކުގައި ބަލައިގެންފައިވާ އުސޫލެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ އިންތިޚާބެއްގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ސިޔާސީ ޕާޓީއަކުން ބާއްވާ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ގޮތް ހެދުމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުން މަހްރޫމްވުން ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތަސައްވަރު ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވި ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 ޖެހުމާއި ހަމައަށް ފުރުޞަތު، ހުޅުވާލުމަށް އީސީގެ މައްޗަށް އަމުރުކޮށްފައެވެ. އެއާއެކު އީސީން ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.