ތަޢުލީމު

މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ފަށައިފި


ސާޅީސް އަށް އެގްޒެބިޓަރުންނާއެކު މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރގެ 4 ވަނަ އެކްސްޕޯ ފަށައިފި. މިއެކްސްޕޯ ކުރިއަށްދަނީ ދަރުބާރުގޭގައެވެ.

އަސަރީ ސަރވިސްއާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް، މެކްސްއާ ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އިންޓަރނޭޝަލް އެޑިއުކޭޝަން އެންޑް ކެރިއަރގެ 4 ވަނަ އެކްސްޕޯ ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަންއެވެ. މިނިސްޓަރގެ އަރިހުގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 48 އެގްޒިބިޓަރުން މި އެކްސްޕޯގައި ބައިވެރިވާއިރު 1000 އަށްވުރެ ގިނަ ކޯސްތަކާއި ބެހޭ މަޢުލޫމާތު މި އެކްސްޕޯގައި ލިބޭނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިއެކްސްޕޯގެ ތެރެއިން 4 ދާއިރާއަކަށް ޚާއްސަކޮށްގެން މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނަށް ސެމިނަރތަކެއް ކުރިއަށްގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފެބްރުއަރީ 28 ފެށިގެން މާޗު މަހުގެ 2ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި މަތީ ތަޢުލީމާއި ކެރިއަރ ގައިޑެންސާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެމިނަރތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިސެމިނަރތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ 4 އަކުން 10 އަކަށެވެ.

މި އެކްސްޕޯ ހުޅުއްވާ ދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ތަޢުލީމީ ހުނަރުވެރި ޖީލެއް ބިނާކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑަށް މަސައްކަތްކުރައްވާކަމަށާއި މިފަދަ ފެއަރ ތަކުން ދަރިވަރުންނާއި ބެލެނިވެރިންނަށް ރަނގަޅު މައުލޫމަތެއް ލިބި ފައިދާ ކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މިއެކްސްޕޯގައި ބައިވެރިވި ބައެއް ފަރާތްތަކުންވަނީ އެކްސްޕޯއިން ދަރިވަރުންނަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުން މަޢުލޫމާތުދެއްވާފައެވެ.

މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާ ބެހޭގޮތުން ކުރިއަށްގެންދާ މި އެކްސްޕޯގައި އިންޓަރނޭޝަނަލް ސްޓޫޑެންޓް އައިޑެންޓިފިކޭޝަން ކާޑަށް ރެޖިސްޓަރ ވުމުގެ ފުރުސަތުވެސް ލިބިގެންދާއިރު، ރަޖިސްޓަރވާ ފަރާތްތަކަށް ޚާއްސަ އިނާމުތަކާއި ލަކީ ޑްރޯ ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.