ސިޔާސީ

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްނުކުރާތީ ޢަލީ ޒާހިރުގެ ތުހުމަތުތަކެއް މެންބަރުންނަށް


ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރުދޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް އެޖެންޑާއިން ނެގުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފާޑު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޮތް ނޭނގޭ މަރުތަކާއި، ކޮރަޕްޝަންގެ ޢަމަލުތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ޖެހިލުންވަނީ އެކަމުގައި ބައިވެރިވި މެންބަރުންގެ ގޮތުގައި ތިއްބެވީމަތޯ ސުވާލު އުފެދޭ ހިސާބަށް ގޮސްފައިވާކަމަށެވެ.

ޢަލީ ޒާހިރު މަޖިލީހުގެ މެންބަރުންނަށް ފަޑުވިދާޅުވެފައިވާއިރު، ސަރުކާރަށް ތާޢީދުކުރާ އެތައް ބައެއްގެ ފާޑުކިއުންވެސް ވަނީ މެންބަރުންނަށް އަމާޒުވެފައެވެ. ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރުމަށް ހަތަރު ފަހަރަކު އެޖެންޑާގައި ހިމެނި ނަމަވެސް ފާސްކޮށްފައެއްނުވެއެވެ. އެންމެ ފަހުން ބޭއްވި ޖަލްސާގައި ވަނީ އެ ބިލް ފާސްނުކޮށް އެޖެންޑާއިން ނަގާފައެވެ.

އެ ބިލް ފާސްނުކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވަޒީރުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި، ކުރީ ސަރުކާރުތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބައްލަވާ އިންސާފު ހޯދައިދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެކަމަށްޓަކައި ދެ ރިޔާސީ ކޮމިޝަން އެކުލަވާލައްވާ އެ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދެއްވުމަށް މަޖިލީހަށް ބިލެއް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އެންމެ ފަހު ދައުރުގެ ތެރޭގައެވެ.