ޚަބަރު

އައްޑޫ ސިޓީއަށް ގޮނޑި އިތުރުކުރުމުގެ މައްސަލަ ނުބެލޭނެ - ހައި ކޯޓް


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީއަށް މިހާރު ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް އިތުރު ކޮށްދިނުމަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިސާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް އެކޯޓުން ކަނޑައަޅައިފިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީއަށް ގޮނޑި އިތުރު ކުރުމާގުޅޭ މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު ހުސްނުއްސުޢޫދާއި މަރަދޫފޭދޫ ފައިވްރޯޒް، މުމްތާޒް ޢަލީއެވެ. މިމައްސަލަ ހުށަހެޅުއްވި ފަރާތުންވަނީ މަރަދޫފޭދޫއާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލްކޮށް އެއީ ވަކި ދެދާއިރާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދިފައެވެ.

މި ދައުވާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އިޖްރާއީ ނުކުތާއެއް ނެގުމަށްފަހު މިފަދަ މައްސަލަތައް ބެލުމަކީ ހައިކޯޓުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއާއެކު އެކަމުގައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުގައި މިމައްސަލަ ތާވަލު ކުރިނަމަވެސް ދަޢުވާ އުފުލި ފަރާތުން ޝަރީއަތަށް ޙާޒިރު ނުވުމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުންވަނީ މިމައްސަލަ ބޭރުކޮށްލާފައެވެ.

ކޯޓުން ބޭރުކޮށްލާ މައްސަލަތައް އަލުން ހުށަހެޅުމުގެ ފުރުޞަތު އޮތުމުން ދެވަނަ ފަހަރަށް މި މައްސަލަ ހުށަހެޅުމާއި ގުޅިގެން މިއަދުވަނީ އިތުރު އަޑުއެހުމެއް ބާއްވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި މައްސަލައާ ގުޅިގެން އިޖްރާއީ ނުކުތާއެއް ނަގާފައިވާތީ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ގޮތެއް ކަނޑައަޅާފައެވެ. އެގޮތުން ކޯޓުތަކުގެ ގާނޫނާއި ހައިކޯޓުގެ ޤަވާއިދުތަކަށް ރިޢާޔަތްކުރައްވައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ މިފަދަ މައްސަލަތައް ބެލުމުގެ އިޚްތިސާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް ނިންމަވާފައެވެ.