ޚަބަރު

ޖަޢިޝީ މުޙައްމަދު ޖަމާޢަތުގެ އިސްވެރިޔާ ބްލެކްލިސްޓް ކުރުމަށް ސަލާމަތީ މަޖިލީހަށް ހުށަހަޅައިފި


މި މަހުގެ ސާދަވަނަ ދުވަހު އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ކަޝްމީރު ސަރަހައްދުގައި އިންޑިއާއަށްވީ ފަޅީގައި ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ ޖަޢިޝީ މުޙައްމަދު ޖަމާޢަތުގެ އިސްވެރިޔާ ބްލެކްލިސްޓް ކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމަހުގެ ކުރީކޮޅު ދިން މި ހަމަލާގައި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ސާޅިހަށްވުރެ ގިނަ ސިފައިން ވަނީ މަރުވެފައެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ޑިޕްލޮމެޓުން ޖެއިޝީ މުޙައްމަދު ޖަމާޢަތުގެ އިސްވެރިޔާ މަސްއޫދު އަޒްހަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާކަމަށެވެ.

މި ގޮތުން ދުނިޔޭގައި އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކުރުން އޭނާއަށް މަނާކޮށް އޭނާގެ ނަމުގައި އެއްވެސް ހަތިޔާރެއް ގަނެވިއްކުން މަނާކޮށް އޭނާގެ މުދާ ހިފެހެއްޓުން ހިމެނޭ ކަމަށްވެސް މި ޤައުމުތަކުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެގައުމުތަކުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ޤަރާރު އދގެ ދާއިމީ މެމްބަރެއް ކަމަށްވާ ޗައިނާއިން ހުރަސް އަޅާނެކަމަށް ބެލެވޭކަމަށް އދގެ ޑިޕްލޮމެޓުން ވަނީ ބުނެފައެވެ. ޗައިނާއިން ވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު، އދގެ ސަލާމަތީ މަޖިލީހުން އަޒްހަރާ ދެކޮޅަށް ހުށެހަޅި ޤަރާރު ވީޓޯކޮށްފައެވެ.