ޚަބަރު

ޕާކިސްތާނުން އެ ޤައުމުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ތައި އެއަރވޭޒްގެ ދަތުރުތަކަށް ހުރަސްއެޅިއްޖެ


އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަސްކަމުގެ ސަބަބުން ޕާކިސްތާނުން އެ ޤައުމުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ތައިލޭންޑްގެ ތައި އެއަރވޭސް އިންޓަނޭޝަނަލުން ވިލާތަށް ކުރާ ދަތުރުތައް ހުއްޓާލުމާ ގުޅިގެން އެތައް ހާސް ދަތުރުވެރިންނަކަށް އެކަމުގެ އަސަރުކޮށްފިއެވެ.

ތައި އެއަރވޭސް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލާތުގެ ބޮޑެތި ރަށްތައް ކަމަށްވާ ލަންޑަން، މިއުނިކް، ޕެރިސް، ބްރަސަލްސް، މިލާން، ވިއަންނާ، ކޯޕެންހޭގަން އަދި ރޯމް ފަދަ ރަށްތަކުން ތައިލޭންޑަށް ދަތުރު ކުރަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުރަސްކޮށްގެން ކަމަށާއި، އެހެންކަމުން މި ޤައުމުތަކަށް ކުރާ ދަތުރުތަކާއި މި ޤައުމުތަކުން ތައިލޭންޑަށް ކުރާ ދަތުރުތައް ކެންސަލްކޮށްލާފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ފަސް ހާހަކަށް ފަސިންޖަރުން އެމީހުންގެ މަންޒިލަށް ނުދެވި ތައިލޭންޑްގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ސުވަރްނަބޫމީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ތާށިވެފައި ތިބި ކަމަށް ތައިލޭންޑްގެ ފަތުރުވެރިންނާ ބެހޭ ވުޒާރާއިން ބުނެފައެވެ.

ތައި އެއަރވޭސްއިން ބުނެފައިވަނީ އެ ކުންފުނީގެ މަތިންދާބޯޓުތައް ޗައިނާގެ ސަރަހައްދުގެ މެދުވެރިކޮށް ހުރަސްކޮށް ދަތުރުކުރުމުގެ ހުއްދަ ހޯދުމަށްފަހު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އަލުން މި ދަތުރުތައް ފަށާނެކަމަށެވެ.