ޚަބަރު

ސްޕެޝަލް އޮލިމްޕިކްސްގައި ޤައުމު ތަމްސީލުކުރަން އެތްލީޓުން ތިބީ ކެތްމަދުވެފައި - އަބްދުﷲ މަސްޢޫދް


އަންނަ މަހު ދުބާއީގައި ބާއްވާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އެތްލީޓުންނަށް ލަހުން ލިބުނު ނަމަވެސް، މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޓްރެއިނިންގތައް ކުރިޔަށްދާގޮތާއި މެދު ހިތްހަމަ ޖެހޭކަމަށް މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗު އަބްދުﷲ މަސްޢޫދް ބުނެފިއެވެ.

މުބާރާތައް ތައްޔާރުވުމަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިޔަށްދާ ޓްރެއިނިންގ ސެޝަންތަކުގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެމުން ކޯޗު ބުނީ، މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ ވަރަށް ފަހުންކަމަށާއި، އެހެންކަމުން ޓްރެއިނިންގ ފެށުންވެސް ލަސްވެގެން ދިޔަކަމަށެވެ. ނަމަވެސް މި ލިބުނު ކުރު މުއްދަތުގެ ތެރޭގައި ހެދުނު ޓްރެއިނިންގ ތަކާމެދު ހިތްހަމަޖެހޭކަމަށެވެ. އަދި ދުބާއީގައި އޮންނަ މުބާރާތައްފަހު މި ޓީމާއި އިތުރު ހަތް އެތްލީޓުން ގުޅޭނެކަމަށްވެސް މަސްއޫދް ބުންޏެވެ.

"މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ ވަރަށް ލަހުން އެހެންވް ޕްރެކްޓިސްވެސް ފެށުނީ ވަރަށް ލަހު. އެކަމަކު ޕްރެކްޓިސްތައް ދަނީ ވަރަށް ރަގަޅަށް. ޓީމުގައި މިހާރު މިތިބި ކުޅުންތެރިންނާއި ގުޅޭނެ އިތުރު ހައެއްކަ ކުދިން ދުބާއީ މުބާރާތައް ފަހު" މަސްޢޫދް ބުންނެވެ.

ފުރަތަމަ ފަހަރަށް ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމުގެ އެތްލީޓުން ބުނީ، މި މުބާރާތުގައި ރާއްޖޭއިން ބައިވެރިވާ ފުރަތަމަ ފަހަރު ޤައުމު ތަމްސީލްކުރުމުގެ ފުރުސަތު ލިބިގެންދިޔުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި، މިކަމަށްޓަކައި މުބާރާތުގައި ބައިވެރިވުމުގެ މަގުތަނަވަސްކޮށްދެއްވި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށެވެ.

"ފުރަތަމަ ފަހަރަށް ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ ފަހަރު ޓީމުގައި ހިމެނުނީމަ ވަރަށް އުފާވޭ. ވަރަށް ބޮޑަށް ޝުކުރުދަންނަވަން މި ފުރުސަތު ދެއްވި ހުރިހާ ފަރާތްތަކަށްވެސް" މުބާރާތުގައި ވާދަކުރާ އެތްލީޓުން ބުންޏެވެ.

ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމު ވާދަކުރާ މި ގޭމްސްގައި މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 7500 އަށްވުރެ ގިނަ އެތްލީޓުން ވާދަކުރާނެއެވެ.

މި ގޭމްސްގެ މަގްސަދަކީ ވީހާވެސް ގިނަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްކަށް ކުޅިވަރުން ފުރުސަތު ހޯދައިދިނުމެވެ.

މި ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ އެތްލެޓިކްސްގެ އިތުރުން ލޯންގް ޖަމްޕް ގައި. އެތްލެޓިކްސްގައި ރާއްޖެއިން ވާދަކުރަނީ 50 މީޓަރާއި 100 މީޓަރުގެ އިތުރުން 200 މީޓަރު ދުވުމުގައެވެ.