ދުނިޔޭގެ އެހީދޭ އެކި ޖަމްޢިއްޔާތަކާއި ގުޅިގެން އިތުރު ހެލްމެޓް ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް ޓްރާންސޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބެހުމަށް ކަނޑައަޅާފައިވާ 5000 ހެލްމެޓުގެ ތެރެއިން ފުރަތަމަ ބެހުމަށް ހަމަޖެހިފައިވާ ހެލްމެޓުތައް ބެހުމަށްޓަކާއި ބޭއްވި ރަސްމިއްޔާތައްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ހެލްމެޓު ބެހުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޢައިޝަތު ނަހުލާ ވިދާޅުވީ ދުނިޔޭގެ އެހީދޭ އެކި ޖަމްޢިއްޔާތަކާއި ގުޅިގެން އިތުރު ހެލްމެޓު ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިޕްރޮގްރާމަކީ ރަނގަޅު ނިޒާމެއްގެ ދަށުން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެކްސިޑެންޓުތައް މަދުކުރުމަށް ސަރުކާރުން ހެލްމެޓު ބެހިނަމަވެސް މިއީ އަދި ޙައްލެއް ނޫންކަމަށާއި އެކްސިޑެންޓުތައް މަދުވާނީ ފަރުދީ ޒިންމާވެސް އަދާކޮށްގެން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހެލްމެޓު ބެހުމަށް ހިންގާ ޕްރޮގްރާމްގެ ސަބަބުން އެކްސިޑެންޓުތައް މަދުކުރެވި އެކަމަށް ޢާއްމުން ހޭލުންތެރި ކުރުން ކަމަށެވެ.
"ދުނިޔޭގެ އެހީ ދޭ ޖަމްޢިއްޔާތަކުގެ އެހީގައި އިތުރަށްވެސް ހެލްމެޓު ހޯދުމުގެ ކަންތައްވެސް ކުރިއަށް ދަނެ. އަދި ހަމަ މިކަހަލަ ޕްރޮގްރާމްތައް ޓްރާންސްޕޯޓް އޮތޯރިޓީއާއި މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާނެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގަ ޓްރަންސްޕޯޓް ގައި އޮތް ދައުރު ފުރިހަމަ ކުރުމަށްޓަކާއި އަލުގަނޑުމެން މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ ބޭފުޅުންގެ ވަރަށް އިސްދައުރެއް ހިމެނޭ ގޮތުގައި އަޅުގަނޑުމެން އެމަސައްކަތް ކުރަމުންދަނީ." މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބެހުމަށް ކަނޑައަޅާފައިވާ 5000 ހެލްމެޓުގެ ތެރެއިން ފުރަތަމަ ދުވަހު ވަނީ 202 ހެލްމެޓު ބަހާފައެވެ.
ހެލްމެޓު ބެހުމުގެ ޕްރޮގްރާމްގެ ދަށުން ހެލްމެޓް ބެހުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށްގެންދާ ޚާއްޞަ ޓެރެއިނިންގ ސެޝަނެއް ފުރިހަމަކުރާ ފަރާތްތަކަށެވެ. ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މާޗުމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން 12 އަށް އަދި މެންދުރު ފަހު 1 އަކުން 3 އަކަށެވެ. އަދި ރޭގަނޑު 8 އަކުން 11 އަށްވެސް މި ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
ހެލްމެޓް ބެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް ޚާއްސަ ހެލްމެޓުތަކެއްވެސް ގެނެސްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ހެލްމެޓުތައް ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ 500 ހެލްމެޓު ގެނެސްފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްާމްގެ ދަށުން މާލޭގައި ބެހުމަށް ހަމަޖެހިފައިވާ 2500 ހެލްމެޓު ބެހުމަށްފަހު ލ.އަތޮޅާއި އައްޑޫ ސިޓީގައި ބެހުމަށް ހަމަޖެހިފައިވާ ހެލްމެޓުތައް ބެހުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ.