ވިޔަފާރި

ކަރާޗީއަށް ދަތުރުކުރާ ފްލައިޓުތައް ކެންސަލްވުމުން ދިވެހި ބައެއް ދަރިވަރުން ނުފުރިފައި


ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ރާއްޖެއިން ސްރީލަންކަން މެދުވެރިކޮށް ޕާކިސްތާނަށް ދަތުރުކުރާ ބައެއް ފްލައިޓުތައް ކެންސަލް ވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ސްރީލަންކަން އެއަރލައިނުގެ ރާއްޖޭގެ އޭޖެންޓް އޭސް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤް ވިދާޅުވީ، ޕާކިސްތާނާއި އިންޑިއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ކަރާޗީއަށް ދަތުރުކުރާ ބައެއް ފްލައިޓުތައް ކެންސަލްކޮށްފައިވާކަމަށެވެ.

ކަރާޗީއަށް ދަތުރުކުރުމަށް ޝެޑިއުލްކުރި ޔޫއެލްގެ ބައެއް ފްލައިޓުތައް ކެންސަލްކޮށްފައިވާއިރު، ކެންސަލްކުރި ފްލައިޓްތަކުން، ރާއްޖެއިން ޕާކިސްތާނަށް ދިއުމަށް ޖުމްލަ 15 މީހަކުވަނީ ޓިކެޓް ނަގާފައެވެ. މީގެ ތެރޭގައި ޕާކިސްތާނުގައި ކިޔަވާ ދިވެހި ދަރިވަރުން ހިމެނޭކަމަށް ފިރާޤް ވިދާޅުވިއެވެ.

"
"މަޝްރަހު އަދި މިދާގޮތުން ލަފާކުރެވެނީ އަދި 4 ނުވަތަ 5 ދުވަސްވަރު ނަގާފާނެކަމަށް. ޔޫއެލް މެދުވެރިކޮށް ރާއްޖެއިން ކަރާޗީއަށް ދަތުރުކުރުމަށް ޝެޑިއުލްކުރި ބައެއް ފްލައިޓުތައް ކެންސަލްކުރިނަމަވެސް، އިތުރު އެއަރލައިނެއްގެ އެއްވެސް ފްލައިޓެއް އަދި މިހާތަނަށް ކެންސަލް ވެފައެއްނެތް"
އޭސް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤް

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިމިވަނީ އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވުމާއި ގުޅިގެންނެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން އެޤައުމުން ޓްރާންސިޓްކޮށް އެކި ޤައުމުތަކަށް ދަތުރުކުރާ ގިނަ ފްލައިޓުތައް މިހާރު ވަނީ ކެންސަލްކޮށްފައެވެ.
މިގޮތުން ތައި އެއަރވޭސްއިން ވަނީ ޔޫރަޕަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ.