ޚަބަރު

ޕާކިސްތާނުން އިންޑިޔާގެ ވައިގެ އުޅަނދުތަކަކަށް ހަމަލާދީފި


ޕާކިސްތާނުން އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ދެ މަތިންދާބޯޓަކަށް ހަމަލާދީ ބުދަ ދުވަހު ވައްޓާލާފައިވާކަމަށް ޕާކިސްތާނުން ބުނެފިއެވެ. ޕާކިސްތާނުން އިންޑިއާގެ ވައިގެ މަތިންދާބޯޓަށް ހަމަލާ ދީފައި މިވަނީ، އިންޑިއާއިން އަންގާރަދުވަހު ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެ ވައިގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާއިން އަންގާރަ ދުވަހު ބުނެފައިވަނީ ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީން ޕާކިސްތާނާ ވީ ފަޅީގައި ހަރަކާތްތެރިވަމުންދިޔަ ޓެރަރިސްޓް ޖަމާޢަތްތަކަށް ނިސްބަތްވާ ކޭމްޕަކަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި ޕާކިސްތާނުގެ ޖައިޝީ މުޙައްމަދު ނަމަކަށްކިޔާ އެ ޖަމާޢަތުގެ ގިނަ ހަނގުރާމަވެރިންތަކެއް މަރުވެފައިވާ ކަމަށްވެސް އިންޑިއާގެ ސަރުކާރުން ދައުވާކުރިއެވެ. މި ޖަމާޢަތަކީ މިމަހުގެ ސާދަ ވަނަ ދުވަހު އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އުފުލާފައިވާ ޖަމާޢަތެވެ. ފެބްރުއަރީ ސާދަ ވަނަ ދުވަހުގެ ހަމަލާގައި އިންޑިއާ ސިފައިންގެ ސާޅިހަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެހެންނަމަވެސް އިންޑިއާއިން އެ ޤައުމުގެ ސަރަހައްދުތަކުގެ ތެރެއަށް ވަދެ ދިން މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށްވެސް އަދި ޢުމްރާނީގޮތުންވެސް ގެއްލުމެއް ވެފައި ނުވާކަމަށް ޕާކިސްތާނުން ބުނެއެވެ.

ބުދަ ދުވަހު ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވީ، ބުދަ ދުވަހު އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓެއް ޕާކިސްތާނުގެ ސަރަހައްދުގެ ތެރެއަށް ޤަވާއިދާ ޚިލާފަށް ވަދެފައިވާކަމަށެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުން މި ބޯޓުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ކަމަށާއި، އެ ހަމަލާތަކުގެ ސަބަބުން މި ދެ ބޯޓު ވެއްޓިފައިވާ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

މޭޖަރ ޖެނެރަލް ޣަފޫރު ވިދާޅުވީ، މީގެ ތެރެއިން އެއް މަތިން ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ކަމަށާއި، އަނެއް މަތިންދާބޯޓު ވެއްޓުނީ ޕާކިސްތާނުގެ ސަރަހައްދަށް ކަމަށެވެ. އަދި ޕާކިސްތާނުގެ ސަރަހައްދަށް ވެއްޓުނު އިންޑިއާގެ މަތިންދާބޯޓުގެ ޕައިލެޓް ހައްޔަރުކޮށްފައިވާ ކަމަށްވެސް ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން މިވަނީ އިތުރު އަސްކަރީ ފިޔަވަޅުތައް ނޭޅުމަށް ދެ ޤައުމަށްވެސް ގޮވާލާފައެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ، މައްސަލަ އިތުރަށް ގޯސްވެގެންދާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދެ ފަރާތުންވެސް ގޮވާލާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދެ ޤައުމުގެ ދެމެދު ސީދާ މުވާސަލާތީ ގުޅުންތަކަށް އިސްކަންދިނުމަށް ވެސް ގޮވާލާކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ.