ވިޔަފާރި

އައްޑޫސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި


އައްޑޫ ސިޓީގައި ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމަށް ބޭނުންވާ ވިޔަފާރިވެރިންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގައި 24ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީން އެކަމާއި ގުޅޭގޮތުން ނެރެފައިވާ ސަރކިއުލާގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެކައުންސިލުން ބުނީ ސައިހޮޓާތަކާއި ރެސްޓޯރަންޓާއި ކެފޭ އަދި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން އެޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅުން އެދޭ ކަމަށެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވާންޖެހެއެވެ. އަދި އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނަކަށްވުމާއި، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވާންޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުން، ހުއްދަ ދޫކުރެވޭ ތަނަކީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ކަނޑައަޅާނީ ސިޓީ ކައުންސިލުން ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެކަން ކައުންސިލުން މިނިސްޓްރީއަށް އެންގުމުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން /-2000 ރުފިޔާގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭއިރު، ހުއްދަ ދެވޭ މުއްދަތަކީ، އެހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ދެ އަހަރު ދުވަސް ކަމަށް ކައުންސިލުން ބުނެއެވެ.

އަދި ހުއްދަ ލިބޭ ތަންތަނުގައި، އެކަން އަންގައި '24/7' މިހެން ލިޔެފައިވާ ބޯޑެއް ވިޔަފާރިކުރާ އިމާރާތުގެ ބޭރަށް ފެންނާނެހެން ބަހައްޓަން ޖެހެއެވެ.