ޚަބަރު

ޝިމާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް


ގެއްލިގެން ހޯދަމުންދާ ޢުމުރުން 19އަހަރުގެ ޝިމާ ނާފިޒު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި އަދިވެސް ކުރިއަށްގެންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ޝިމާ ނާފިޒު ގެއްލުމުގެ ޙާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރުދުވަހު ލ.ކައްދުއިން ފުރައިގެން މާމެންދުއަށް ޑިންގިއެއްގައި ދަތުރުކުރަމުންދަނިކޮށް ޑިންގީ ބަންޑުންޖަހާލައިގެންނެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ޝިމާ ހޯދުމުގެ މަސައްކަތް ކުރާތާ 4 ދުވަސްވެފައިވާއިރު، މިހާތަނަށް ޝިމާ އާއި އޭނާ ދަތުރުކުރަނިކޮށް ބަންޑުންޖަހާލި ޑިންގީގެވެސް އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށެވެ. ނަމަވެސް ގެއްލުނު ޝިމާ، ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް އަދި ވިސްނާފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ސިމާ ހޯދުމުގެ އޮޕަރޭޝަނާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މި އޮޕަރޭޝޭން ހިންގާ ސަރަޙައްދުގެ މޫސުންވެސް ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށެވެ. ޝިމާ ހޯދުމަށް އެމްއެންޑީއެފްގެ ސެންޓަލް އޭރިއާގެ ސިފައިންނާއި އަމިއްލަ ފަރާތްތަކުންވެސް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްއެންޑީއެފްގެ ޑައިވަރުންނާއި، ސްނޯކްލިންގ ޓީމްތަކާއި، ހެލިކޮޕްޓަރު ބޭނުންކޮށްގެންނާއި، ނައިޓް ވިޝަން ކެމެރާގެ އެހީގައިވެސް ކަނޑުގެ ސަރަޙައްދު ދަނީ ބަލަމުންނެވެ.