ޚަބަރު

ދިވެހި ތާރީޚުދުވަހުގެ ޚާއްސަޖަލްސާ މިރޭ


ރާއްޖޭގެ ޤައުމީ ތާރީޚް ދުވަހުގެ ޚާއްސަ ޖަލްސާ މިރޭ އޮންނެ. ޤައުމީ ތާރީޚް ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ މިދިޔައަހަރުއެވެ. މިއީ މިދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރާ ދެވަނަ އަހަރެވެ.

ޤައުމީ ތާރީޚު ދުވަހަކީ ދިވެހިބަހާއި ތާރީޚު ދިރުވައި އާލާކުރުމުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ކުުރުމަށް ނިންމަވައި އެކަން ފާހަގަކުރުމަށް ނިންމެވި ދުވަހެކެވެ. ޤައުމީ ރާތީޚް ދުވަހުގެ ދެވެނަ އަހަރު މިއަހަރު ފާހަގަކުރަމުންދާއިރު، މި ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީމަހުގެ 27ވަނަ ދުވަހެވެ.

ފެބްރުއަރީ މަހުގެ 27ވަނަ ދުވަސް ޤައުމީ ތާރީޚް ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމީ، މިދުވަހަކީ ދިވެހި ބަހާއި ތާރީޚް ކުރިއެރުވުމަށް މިހާތަނަށް އެންމެ ބޮޑެތި މަސައްކަތްތައް ކުރެއްވި އަލްޤާޟީ ޙަސަން ތާޖުއްދީން އަވަހާރަވި ތާރީޚުކަމަށް ވާތީއެވެ. ތާރީޚުދުވަހުގެ މިއަހަރުގެ ޝިއާރަކީ "ކޮންބައެއް، ކޮންތަނެއް. ތާރީޚުން ބަލަމާ" މި ޝިއާރެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މިފަދަދުވަހެއް ރަސްމީ ސިފައެއްގައި ފާހަގަކުރަން ނިންމެވިކަމީ ދިވެހި ތާރިޚް ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ހާމަވެގެންދާ ކަމެއްކަމަށެވެ. އަދި މިއީ މުޅިރާއްޖޭގެ ތާރީޚު ހޯދައި ދިރާސާކުރެއްވުމާއި ތާރީޚާ ގުޅުންހުރި ތަންތަނާއި ތަކެއްތި ރައްކާތެރިކުރުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދޭން ކުރެވޭ މުހިންމު މަސައްކަތެއްކަންވެސް އަޝްރަފް ފާހަގަކުރެއްވިއެވެ.

ޤައުމީ ތާރީޚް ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހި ބަހާއި ތާރީޚށްޓަކައި މަސައްކަތް ކުރުމާއި، ތާރީޚު ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާ 10 ބޭފުޅަކަށް އެކަން ފާހަގަކޮށް ހަނދަނީ ފިލައެއް އެރުވުމަށް ނިންމަވާފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ. މިރޭ އަށްގަޑި ތިރީހުގައި އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައި ބާއްވާ މިޖަލްސާގައި މިނިސްޓާރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޤައުމީ ތާރީޚް ދުވަހުގެ މުނާސަބަތުގައި، މާލޭގެ ހުރިހާ ސްކޫލްތަކެއް ހިމެނޭގޮތަށް، "ބޮޑު ދަތުރު"ގެ ނަމުގައި މާލެއަތޮޅު ކާށިދުއަށް ދަތުރެއް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަޝްރަފް ވިދާޅުވީ މިދަތުރު ކުރިއަށްގެންދާނީ ތާރީޚީ ޢީދެއްގެ ގޮތުގައިކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ކުރާ މިދަތުރުގައި ކުދިންނަށް ތާރީޚާގުޅޭ މަޢުލޫމާތު ދިނުމާއި ކާށިދޫގައިހުރި އާސާރީ ތަންތަން ބަޅާލުމުގެ ފުރުސަތު ދިނުމާއި ތާރީޚާގުޅޭ އެހެންވެސް ބައެއް ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.