ޚަބަރު

ބްރެކްސިޓް އެއްބަސްވުން އޮތީ އަތްފޯރާފަށުގައި: މޭ


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން ޤާއިމުކުރަންޖެހޭ އެއްބަސްވުން އޮތީ އަތްފޯރާފަށުގައި ކަމަށާއި ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިކުރަން ކަނޑައަޅާފައިވާ މުހުލަތު އިތުރުކޮށްގެން މިކަމާ ގުޅުންހުރި އެއްބަސްވުމާ ބެހޭގޮތުން ޤާނޫނު ހަދާ މަޖިލީހުގައި އުފެދިފައިވާ ދެބަސްވުންތަކަށް ހައްލެއް ނުލިބޭނެކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

މިސްރުގެ ޝަރްމުއްޝޭޚުގައި ބޭއްވި ވިލާތުގެ އިއްތިހާދާއި ޢަރަބި ލީގުގެ ސަމިޓްގެ ހަވާސާގައި ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވީ، އިނގިރޭސި ސަރުކާރުން މަސައްކަތްކުރަމުންދަނީ މާރިޗު މަހުގެ ނަވާވީސް ވަނަ ދުވަހު އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަށް ކަމަށެވެ.

އަދި މިކަމުގައި އެ ޤައުމާއި ވިލާތުގެ އިއްތިހާދާ ދެމެދު ޤާއިމުކުރާ އެއްބަސްވުން އެކުލަވާލުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، މިކަމުގައި ދާދި އަވަހަށް އެއްބަސްވުމެއް ޤާއިމުކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް މޭ ވިދާޅުވިއެވެ.

މޭ ވިދާޅުވަނީ، އެއްބަސްވުމަކާ ހަމައަށް ވާސިލުވާން މިހާ ގާތްވެފައިވާއިރު މާރިޗް 29 ގެ ސުންގަޑި ލަސްކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. މޭ މިހެން ވިދާޅުވެފައި މިވަނީ އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން އަލުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.