ސިޔާސީ

ވޯޓު ގަޑީގައި ޖޭޕީގެ ގިނަ މެންބަރުންތަކެއް ހާޒިރެއް ނުވޭ!


ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓު ނުނެގުނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ގިނަ މެންބަރުންތަކެއް ވޯޓުގަޑީގައި ހާޒިރުނުވުމުންކަން ހާމަވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މަޖިލީހަށް 10 މެންބަރުން މިއަދު ހާޒިރެއްނުވެއެވެ. އަދި ސަރުކާރު މައިޕާޓީ އެމްޑީޕީގެ ވެސް އެއް މެންބަރަކު މަޖިލީހަށް ހާޒިރެއްނުވެއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ ގޮތް ހެދުމަށް ޕެންޝަން ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާހަށް މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުނު ފަހުން އަދި ވޯޓަކަށް ނޭހެއެވެ. އެއީ އެ ދެ ބިލް ފާސްވާ ވަރަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތުމުންނެވެ. މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމާއި ހަމައަށް އައިއިރު ބިލް ފާސްކުރަން މެންބަރުން ޖަލްސާއަށް ހާޒިރުވާންޖެހޭ 43 މެންބަރުން ހަމަނުވުމުން މިއަދުވެސް މިބިލްތަކަށް ވޯޓަށް އެހޭގޮތްވަނީ ނުވެފައެވެ.

  • މަޖިލިސް ޖަލްސާއަށް ހާޒިރުނުވި ޖޭޕީ މެންބަރުން:
  • 1- ވިލިފުށި ދާއިރާގެ ރިޔާޒް ރަޝީދު
  • 2- ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކު
  • 3- ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން
  • 4- ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު
  • 5- ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާޙީމް ހަސަން
  • 6- ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުޙައްމަދު
  • 7- ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ
  • 8- ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން
  • 9- މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން
  • 10- މާވަށު ދާއިރާގެ މެންބަރު އަޒްހާން ފަހްމީ

އެމްޑީޕީން މަޖިލީހަށް ޙާޒިރުނުވެ ހުރީ އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޢަބްދުﷲއެވެ.

ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ޤަވާއިދުގެ 37 ވަނަ މާޢްދާގެ
(ބ) ގައި ބުނާ ގޮތުން، ރައްޔތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.

މިދިޔަ އަހަރުގެ ފަހު ދައުރުގައި ހުށަހެޅި މި ދެ ބިލުގެ ތެރެއިން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ނިމިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. ނަމަވެސް އެ ދުވަހުވެސް އެ ބިލަށް ވޯޓު ހަމަވާވަރަށް މެންބަރުން ނެތުމުން މަޖިލީހުގެ ޖަލްސާ ނިންމާލިއެވެ.