ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މަޓާޓޯއިން ވިއެޓްނާމް އަދި ފިލިޕީންސްއަށް


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވިއެޓްނާމް އަދި ފިލިޕީންސްގައި ބާއްވާ ފަތުރުވެރިކަމުގެ ދެ ފެއަރއެއްގައި ބައިވެރިވުމަށް މަޓާޓޯއިން ނިންމައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ބުނީ އަންނަ މާޗްމަހުގެ 27 ހުން 30 އަށް ވިއެޓްނާމްގެ ވެރިރަށް ހެނޯއީގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވިއެޓްނާމް އިންޓަރނޭޝަނަލް މާރޓް' އަދި ފިލިޕީންސްގެ ވެރިރަށް މެނީލާގައި އޭޕްރީލްމަހުގެ 1 ކުން 3 އަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ' ވޯލްޑް މާސްޓަރ އިންޓަރނޭޝަނަލް ޓްރެވަލް މަރޓްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެސޯސިއޭޝަނުން ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ.

'ވިއެޓްނާމް އިންޓަރނޭޝަނަލް މާރޓް'ގައި މިދިޔަ އަހަރުވެސް މަޓާޓޯއިންވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރު މަޓާޓޯއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 6 ކުންފުންޏަކުން އެފެއަރގައި ބައިވެރިވެފައިވެއެވެ.

ވިއެޓްނާމް އަދި ފިލިޕީންސް ހިމެނެނީ، ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުންދާ ޤައުމުތަކުގެ ތެރޭގައެވެ. އެގޮތުން ހުސްވި އަހަރު ވިއެޓްނާމުން ރާއްޖެއަށް 5،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 2017ވަނަ އަހަރާއި އަޅާ ބަލާއިރު، %15 އިތުރު އަދަދެކެވެ.
ފިލިޕީންސް އިން ރާއްޖެއަށް 11،000 ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 2017ވަނަ އަހަރާއި އަޅާ ބަލާއިރު %4.8 އިތުރު އަދަދެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި އިޝްތިހާރުކޮށް، ދިވެހި ކުންފުނިތަކަށް އެކި ޤައުމުތަކުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި މަޓާޓޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަޓާޓޯއިން ވަނީ މިއަހަރުތެރޭގައި 15 ފެއާއެއްގައި ބައިވެރިވުމަށް ނިންމާފައެވެ.