ސިޔާސީ

އިންސާނީ ހައްގުތަކަށް ލަފާ އަރުވާނެ ޚާއްޞަ އެޑްވައިޒަރެއް އައްޔަންކުރަން ނިންމައިފި


ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ދިވެހި ސަރުކާރަށް ލަފާ އަރުއްވާނެ ޚާއްޞަ މުޝީރަކު ޢައްޔަން ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަ ކުރުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައި ކޮމިޝަނަރ މިޝޭލް ބެޝެލެޓާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ޝާހިދު މިޝޭލް ބެޝެލެޓާއި ބައްދަލުކުރައްވާފައި މިވަނީ ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މިނިސްޓަރު ޝާހިދު މިޝޭލް ބެޝެލެޓާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިންސާނީ ހައްޤުތަކަށް ރާއްޖެއިން ފުރިހަމައަށް އިޙްތިރާމް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

އަދި އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައި ކޮމިޝަނަރުގެ އޮފީހާއި ގުޅިގެން ރާއްޖެއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. އެގޮތުން އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޝަނަރުގެ އޮފީހުން ޚާއްސަ މުޝީރަކު ދިވެހި ސަރުކާރަށް ލަފާ އަރުވަން ފޮނުވުން ހިމެނެއެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރު ޝާހިދު ވަނީ ބައެއް ޤައުމުތަކުގެ އިސްވެރިންނާއި ޚާރިޖީ ވަޒީރުންނާއި ބައްދަލު ކުރައްވާފައެވެ. އެގޮތުން އެ ޤައުމުތަކާއި ގުޅިގެން ރާއްޖެއަށް ކުރިއަށް ދެވިދާނެ ތަފާތު ދާއިރާތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.