ޚަބަރު

ތިން ސަފީރަކަށް މަޖިލީހުން ރުހުންދީފި


ތިން ޤައުމަކަށް ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މަޖިލީހުން މިއަދު ރުހުންދެއްވި ތިން ބޭފުޅުންނަކީ، ތައިލެންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މއ.ތިބުރޯޒް މުޙައްމަދު ޖިނާޙް، ސަޢުދި ޢަރަބިއްޔާއަށް ކަނޑައޅަ ސަފީރުކަމަށް ގ.އުތުރުގެއާގެ މުޙައްމަދު ޚަލީލް އަދި ޗައިނާއަށް ކަނޑައަޅާ ސަފީރުކަމަށް މ.ބިނާވެށި ޢާސިޝަތު އަޒީމާއެވެ.

މި ތިން ބޭފުޅުންގެ ތެރެއިން މުޙައްމަދު ޖިނާހަށާއި، މުޙައްމަދު ޚަލީލަށް ރުހުން ދޭން ނުފެންނަކަމށް ކޮމިޓީން ފާސްކުރިއެވެ. ނަމަވެސް ފަހުން އަނެއްކާވެސް ރުހުންދޭން ފެންނަކަމަށް މިވަނީ ފާސްކޮށްފައެވެ. ތިން ބޭފުޅުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ 36 މެންބަރުންގެ އިއްތިފާޤުންނެވެ.

ތިން ބޭފުޅުންނަކީވެސް ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން. މިއަދުގެ ޖަލްސާގައި ތިން ސަފީރަކަށް ރުހުންދޭން ފާސްކޮށްފައިވާއިރު ކުރީ ދައުރުގެ ތެރޭގައި އަށް ސަފީރަކަށް ރުހުންދީފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވަނީ ބޭރުގެ އިތުރު ތިން ސަރަޙައްދެއްގައި ރާއްޖޭގެ އެމްބަސީ މިއަހަރު ތެރޭގައި ޤާއިމްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ތަންތަނަށް އަދި މިހާތަނަށް ސަފީރުން ކަނޑައަޅާފައެއްނުވެއެވެ.