ޚަބަރު

ތިންވަނަ ފަހަރަށް އެޖެންޑާކޮށްގެންވެސް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްނުކުރެވުނު


ތިންވަނަ ފަހަރަށް އެޖެންޑާކޮށްގެންވެސް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްނުކޮށް މިއަދުގެ ޖަލްސާވެސް ނިންމާލައިފިއެވެ.

"ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ" ބިލް ކޮމިޓީން ދިރާސާކުރުމަށްފަހު ތިން ފަހަރެއްގެ މަތިން މަޖިލީހުން ފާސްކުރުމަށް އެޖެންޑާކޮށް ފާސްނުކުރެވުމުން ސަރުކާރާއި އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައިެވެ.

ރައީސް ޞާލިޙްގެ ރިޔާސީ މުހިންމު އެއްވަޢުދު ފުއްދުމަށް ހުށައެޅުއްވި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކުރެވިފައިވަނީ ވޯޓަށް އެހުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަނުވުމުގެ ސަބަބުންނެވެ.
ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ޤަވާއިދުގެ 37ވަނަ މާޢްދާގެ (ބ) ގައި ބުނާ ގޮތުން، ރައްޔތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ. އެއީ 43 މެންބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބަވައިގެންނެވެ. މިއަދުގެ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވީ 37 މެންބަރުންނެވެ. މި ބިލް މަޖިލީހުން ފާސްކުރެވިފައި ނުވާތީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ދަނީ ބަހުގެ ހަމަލާތަކެއް ރައްދުކުރަމުންނެވެ.

ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރުދޭ ބިލް ފާސްނުކުރެވިފައި އޮތްއިރު، ޕެންޝަން ފަންޑުން ހައްޖަށް ދެވޭގޮތަށް ފެންޝަނާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙަށްވެސް ޤާނޫނީ ޢަދަދަށް މެންބަރުން ހަމަ ނުވުމުމުގެ ސަބަބުން ވޯޓަށް އަހާފައެއްނުވެއެވެ. ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމާއި، ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.