ޚަބަރު

ޕާކިސްތާން – އިންޑިޔާ މެޗު ނުކުޅެވެންވީ ސަބަބެއް ނެތް - އައިސީސީ


މި އަހަރު މެދުތެރޭގައި ބާއްވާ ވޯލްޑް ކަޕް ކްރިކެޓް މުބާރާތުގައި ޕާކިސްތާނާއި އިންޑިޔާ ކުޅޭ މެޗު ނުކުޅެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ބުނެފި އެވެ.

އައިސީސީން މިހެން ބުނީ އިންޑިޔާގެ ކަޝްމީރުގެ ހިސާބުތަކަށްދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާވެރި ޖަމާއަތްތަކުން ނެގުމުންނެވެ. މިކަމާ ގުޅިގެން މުޅި އިންޑިޔާގައިދަނީ ޕާކިސްތާނާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ނަމަވެސް މި ހާދިސާއާ ޕާކިސްތާނާ އެއްވެސް ގުޅުމެއްނެތް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގައި ކުޅުމަށް ހަމަޖެހިފައިވާ ކްރިކެޓް ވޯލްޑް ކަޕުގެ މެޗުގައި ޕާކިސްތާނާއި އިންޑިޔާ ވާދަކުރަންޖެހޭ މެޗަކީ ދެ ގައުމުންވެސް ވަރަށް ބޮޑަށް އިސްކަންދޭ މެޗެކެވެ. ހާއްސަށް ސަލާމަތީގޮތުން މެޗުގެ މުހިންމުކަން ބޮޑެވެ.

އެންމެ ފަހުން މި ދެ ގައުމު ވޯލްޑް ކަޕުގައި ކުޅުނު ހަ ފަހަރު ވެސް މޮޅުވީ އިންޑީޔާ އެވެ. މިހެންވެ އިންޑީޔާގެ ކުރީގެ އެއްވަނަ ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރު ވެސް ވަނީ ޕާކިސްތާނާ ނުކުޅެ ވޯލްޑް ކަޕް ނިންމާލަން ޖެހުމަކީ އެދެވޭ ކަމެއްނޫން ކަމަށާއި އޭނާ ތާއީދު ކުރާނީ އައިސީސީގެ ނިންމުމަށް ކަމަށެވެ.

ޕާކިސްތާނާއެކު މެޗު ކުޅުމާމެދު އިންޑިޔާގެ އިސް ފަރާތްތަކުން ބުނަނީ އެ ގައުމުގެ ކްރިކެޓް ބޯޑާއި ސަރުކާރުން މިކަމުގައި ގޮތެއް ނިންމާނީ ހާލަތު ދިރާސާ ކުރުމަށްފަހު ކަމަށެވެ.