ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފި


ހދ ނެއްލައިދޫ ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިގޮތަށް ވިދާޅުވެފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނެއްލައިދޫ ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި، ރަށުގެ ކުރިއެރުމަށްހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

ނެއްލައިދޫ ކައުންސިލް މެންބަރުން ވިދާޅުވީ، ނެއްލައިދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި، ފެނާ ނަރުދަމާގެ ޚިދުމަތް ނެތުމުން ގޮންޖެހުންތައް ދިމާވާކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގައި އުނދަގޫތައް ކުރިމަތިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކައުންސިލް މެންބަރުން ވަނީ މިހާރު އޮތް ބަނދަރުގައި ހުރި މައްސަލަތައް ހިއްޞާ ކުރައްވައި އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ނެއްލައިދޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު ވަޞީލަތްތަކާއި ޑޮކްޓަރުން ބޭނުންވާކަންވެސް ފާހަގަ ކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނެއްލައިދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންތައްތައް އެ ކަންކަމާއިގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށެވެ.