ޚަބަރު

ދަމާސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި


ދަމާސް ކުންފުނީގެ 18ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފިއެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ކުރިއަށްގެންދާ މި ކޭމްޕްގައި ދަމާސް ކުންފުންޏާއި، ދަމާސްއިން ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުން ބައިވެރިވެއެވެ.

ދަމާސް ކުންފުނީގެ ސީއީއޯ މުޙައްމަދު ޝިހާބް ވިދާޅުވީ، ލޭހަދިޔާކުރުމުގެ މި ކޭމްޕުގައި 100 އެއްހާ މުއައްޒަފުން ބައިވެރިވާނެކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ކޭމްޕެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ، މުޖުުތަމައުއަށް މަންފާ ހުރި ކަމެއްކޮށްދީ، ލޭ ބޭނުންވާ މީހުނަށް ވީހާވެސް ފަސޭހަކަމާއިއެކު ލޭ ލިބޭނޭ މަގު ތަނަވަސްކޮށްދިނުމަށްކަމަށެވެ. މިއީ ދަމާސްއިން ލޭ ހަދިޔާކުރުމުގެ ކޭމްޕް ބާއްވާ 6 ވަނަ އަހަރެވެ. ޝިހާބް ވިދާޅުވީ އަހަރީ ދުވަހާއި ގުޅިގެން މުއައްޒަފުންގެ މެދުގައި އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވެސް އެ ކުންފުނިން ނިންމާފައިވާކަމަށެވެ.

"ހަށި ރައްކާގެ ނަމުގައި، މުއައްޒަފުންގެ ސިއްޙީ ޙާލަތު ދެނެގަންނަން ކޭމްޕެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ. މިއީ ދުޅަހެޔޮ ސިއްޙަތަކަށް ބާރުއަޅުމަށް ކުރާ މުހިންމު ކަމެއް. ދަމަނަވެއްޓާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕްވެސް 2 އަހަރު ބާއްވައިފިން" ޝިހާބް ވިދާޅުވިއެވެ.

ދަމާސް ކުންފުންޏަކީ ކޮންސްޓަރަކްޝަނާއި، ފަރުނީޗަރުގެ އިތުރުން ހާޑްވެއަރ ސާމާނުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކުންފުންޏެކެވެ. ދަމާސް ކުންފުނީގައި 300 އަށްވުރެ ގިނަ މުއައްޒަފުން މަސައްކަތްކުރެއެވެ.