ޚަބަރު

ހަރުކަށި ޢަމަލުތަކަށް ހިތްވަރުލިބޭ ކަންކަމުން ދުރުހެލިވުމަށް ރައީސް އިލްތިމާސްކުރައްވައިފި


ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނެ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ، އެކަމަށް ފުރުސަތު ނުދީ ހަރުކަށި ޢަމަލުތަކަށް ހިތްވަރު ލިބޭކަންކަމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިޟާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އިލްތިމާސްކުރެއްވީ، ރާއްޖޭގެ ސަލާމަތާއި އަމާންކަމަށް ޓެރަރިޒމްގެ ޢަމަލުތަކުން ހުރި ގޮންޖެހުންތާ ބެހޭގޮތުން އެންމެ މަތީ ފަންތީގައި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން ފަށްތާވދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ" ގެ ނަމުގައި ހޮޓެލް ޖެންގައި ފެށްޓެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަމަށެވެ. އެކަމުގެ ނަތީޖާ ދިވެހީންނާއި ދެގޮތަކުން ބައްދަލުކުރާކަމަށް ވިދާޅުވެ ރައީސް ވަނީ އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެއީ ޞައްޙަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް، ހަރުކަށި ވިސްނުމަށް ލެނބިގެން ދިޔުމާއި، ކަމުގެ ނުރައްކާތެރިކަމާމެދު ވިސްނައިލުމެއްނެތި، އިސްލާމްދީނަށް ކުޑައިމީސް ކުރެވޭފަދަ ޚިޔާލުތައް ފާޅުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކިތަންމެ ދައްކަން ބޭނުންނުވިޔަސް، މިއީ ޤައުމީ ފެންވަރުގައި މިކަންކަމާމެދު މަޝްވަރާކޮށް، ދާއިމީ ޙައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް. ރާއްޖޭގެ އާބާދީގެ %35 އަށްވުރެ ގިނައީ، ޢުމުރުން 35 އަހަރުން ދަށުގެ މީހުން. އެޒުވާނުންގެ ފިކުރަކީ ޤައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް. ޒުވާނުންނާމެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން. ތަޢުލީމީ މަރުޙަލާތައް ފުރިހަމަކުރަމުން އަންނައިރު، ކޮންމެ ޒުވާނަކީވެސް އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ، ޚުލްޤުހެޔޮ ޒުވާނެއް ކަމުގައި ހެދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދިއުމަކީ މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މިއީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށް، އަދި މުޅިޤައުމުގެ އިޤްތިޞާދަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މިފަދަ ޢަމަލުތަކުގެ ސަބަބުން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދައިން، އިޖްތިމާޢީ ގޮތުން ލިބޭ ގެއްލުންވެސް އެހާމެ ބޮޑު. މުޖްތަމަޢުގެ ޞުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭފަދަ، ހަރުކަށި ޢަމަލުތަކަށް ހިތްވަރު ދިނުމަކީ، އެއްވެސް ބައެއްގެ މަޞްލަޙަތު ހުރި ގޮތެއް ނޫން. އެހެންކަމުން، ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުންނުދާ ކޮންމެ ތަނަކީ، ޞުލްޙަ ޤާއިމުވެފައި އޮތް ތަނެއް ކަމަށް ޤަބޫލުކުރެވިފައި އޮތްނަމަވެސް ޙަޤީޤީ ޞުލްޙައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީކަމަށެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކާއި، ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް އުފާވެރި ޞުލްޙަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް. އެހެންކަމުން، މިރާއްޖޭގެ ކޮންމެ ޖަޒީރާއަކީ، ތިމާގެ އަމިއްލަ ތަނެއް ކަމަށްދެކި، އެއަމާނާތަށް ވަފާތެރި ތެދުވެރި ބަޔަކު ކަމުގައި އަޅުގަނޑުމެން ވަމާތޯ!" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ ރައްޔިތުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުނުކޮށް، އެހެން ބައެއްގެ ފަރާތުން ހޯދޭނެ ޞުލްޙައެއް ނޯންނާނެކަމަށް ވިދާޅުވެ، ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް ރައްޔިތުންނަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.