ޚަބަރު

އިންސާނީ ޙައްގުތައް ކަށަވަރު ކުރުމުގައި ރާއްޖެ ދެމިއޮންނާނެ - ޝާހިދު


ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންން މިހާރުގެ ސަރުކާރަށް ފުރުޞަތުދިނީ ޑިމޮކްރަސީގެ ހަމަތަކާއި، އިންސާނީ ހައްޤުތައް ކުރިއެރުވުމަށްކަމަށާ، ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ މުއައްސަސާތަކަށް ފޯރުވަމުންދިޔަ ނުފޫޒުތަކަށްކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޖެނިވާގައި ކުރިއަށްދާ އދ.ގެ އިންސާނީ ހައްޤުތަކާބޭހޭ ކައުންސިލުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝަހިދު ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިންސާނީ ހައްޤުތައްކަށަވަރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވަނީ އިންސާނީ ހައްޤުތައް ކަށަވަރުކޮށްދީ އިންސާނީ ކަރާމާތް ހިފެހެއްޓުމަށް ޤާނޫނުތަކަށް އިޞްލާޙުތަކެއް ގެންނަމުންދާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ފަންސަވީސް އަހަރު ދުވަހުގެ ފަހު ދުވަސްކޮޅު ކުރީގެ ސަރުކާރުން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަކަމުގެ ނަމުގައި ޤާނޫނެއް އެކުލަވާލައި ޚިޔާލުފާޅުކުރުމުގެ ހައްޤުތައް ހަނިކުރެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފާއިތުވި ފަސް އަހަރުދުވަހުގެތެރޭގައި ބްލޮގަރ ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުމާއި، ނޫސްވެރިޔާ އަޙްމަދު ރިޞްވާން ގެއްލުވާލިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ސަރުކާރުން އެމީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރައްވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި ޤާނޫނީ ބާރު ލިބިދޭ ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް ފަށްޓާވާފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުމަށް ރާއްޖެއިން އިސްކަންދޭ ބީދައިން، އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމި މައިދާނުގައިކުރާ މަސައްކަތަށް ރާއްޖެއިން ތާއީދުކޮށް އެކަމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ 40ވަނަ ބައްދަލުވުމުގައި ރައީސުންނާއި ބޮޑު ވަޒީރުންނާއި މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ބައެއް ޤައުމުތަކުގެ މިހާރުގެ ހާލަތު ބެލުމަށް ޙަވާލުކޮށްފައިވާ އދ.ގެ އެކި ކޮމިޝަންތަކުގެ ރިޕޯޓުތައް ހުށަހެޅުމާއި މަރުގެ ޙުކުމް ތަންފީޒު ކުރުން ފަދަ މުހިންމު ހަކަމެއްގެ މައްޗަށް ބަހުސް ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ. ޖުމްލަ ސާޅީސް ހަތް ޤައުމުގެ މައްޗަށް އެކުލެވޭ އދ.ގެ އިންސާނީ ޙައްގުތަކާބޭހޭ ކައުންސިލު އުފައްދާފައި ވަނީ މީގެ 13 އަހަރު ކުރިންނެވެ.