ޚަބަރު

ކަޝްމީރުގައި އިތުރު ލޭއޮހޮރުވުންތަކެއް


އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ކަޝްމީރު ސަރަހައްދުގެ އިންޑިއާއާ ވީ ފަޅީގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރި ޖަމާޢަތަކާ ދެމެދު ހިންގި ކުރިމަތިލުންތަކެއްގައި ފަސް މީހުން މަރުވެއްޖެއެވެ.

މި ކުރިމަތިލުންތައް ހިނގާފައިވަނީ މި މަހުގެ ސާދަ ވަނަ ދުވަހު އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާކަމަށް އިޢުތިރާފުވެފައިވާ ޖައިޝީ މުޙައްމަދު ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާޢަތާއި އިންޑިއާގެ ސަލާމަތީ ބާރުތަކާ ދެމެދުކަމަށް ރޮއިޓަސްއިން ރިޕޯޓުކުރެއެވެ.

ރޮއިޓަސްއިން ބުނެފައިވަނީ މި ކުރިމަތިލުންތަކުގައި ހަނގުރާމަވެރިންގެ ތިން މީހަކު މަރުވެފައިވާ ކަމަށާއި މީގެ ތެރޭގައި އިންޑިއާ ސިފައިންގެ އޮފިޝަލަކާއި ފުލުހުންގެ އޮފިޝަލަކު މަރުވެފައިވާކަމަށެވެ. މި މަހުގެ ސާދަވަނަ ދުވަހު ކަޝްމީރުގެ ޕުލްމަވާ ޑިސްޓްރިކްޓްގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގައި އިންޑިއާ ސިފައިންގެ ސާޅީހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

މި ހަމަލާއަށްފަހު އިންޑިއާގެ ސަލާމަތީ ބާރުތަކުން މިހާތަނަށް ހިންގާފައިވާ ތަފާތު އޮޕަރޭޝަންތަކުގައި ވަނީ ޖަޢިޝީ މުޙައްމަދު ޖަމާޢަތަށް ނިސްބަތްވާ އަށް ހަނގުރާމަވެރިން މަރާލާފައެވެ. އަދި އިންޑިޔާގެ ސަލާމަތީ ބާރުތަކުން ވަނީ މި ޖަމާޢަތުގެ ހަނގުރާމަވެރިންގެ ތެރެއިން ފަންސާސް މީހުން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، އިންޑިއާއިން ވަނީ ކަޝްމީރުގައި ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢަތްތަކަކަށް ނިސްބަތްވާ ސަތޭކަ ފަސްދޮޅަސް މީހުން ވެސް ހައްޔަރުކޮށްފައެވެ.