ޚަބަރު

ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭނެ އިޞްލާޙު އަނބުރާ ނަގައިފި


ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެގޮތަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިޞްލާޙު އަނބުރައި ނަންގަވައިފިއެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް އިޞްލަޙު ގެނައުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. އޭނާ މިއަދު އެއިޞްލަޙު އަނބުރައި ނަންގަވާފައިވާއިރު، އެއިޞްލާޙާ ގުޅިގެން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށްބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިގެންދިޔައެވެ. އަދި ލަޠީފް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން، އެއިޞްލާޙު ނަންގަވަން އޭނާއަށް އެންގިނަމަވެސް މިއަދާއި ހަމައަށް އޭނާ އެއިޞްލާޙު ނަންގަވާފައެއް ނުވެއެވެ. ނަމަވެސް މިއަދު އެ އިޞްލާޙު އަނބުރާ ނެންގެވީ ކީއްވެކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ޤާނޫނު އަސާސީއަށް ލަޠީފް ހުށައެޅުއްވި އިޞްލާހަކީ އެމްޑީޕީގެ ރައީސް އަދިކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް އޭނާ ހުށައެޅުއްވި އިޞްލާޙެއްކަމަށް އެމްޑީޕީން ތުހުމަތުކުރެއްވިއެވެ.

އެމްޑީޕީން ބުނެފައިވަނީ، ލަތީފްގެ އިޞްލާޙަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއްކަމަށާ އެއީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެގެންވެސްވާނެ އިސްލާހެއް ނޫންކަމަށެވެ. އަދި އެ އިސްލާހު ކާމިޔާބުވިޔަ ނުދޭނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އިކެޝްންސް ކޮމިޝަނަށް ފޯމް ހުށައަޅުއްވާފައެވެ.