ޚަބަރު

މިނިސްޓަރ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިފި


ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށައަޅަފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުންނެވެ.

ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލ މަޖިލީހަށް ހުށަހެޅުއްވީ އެކަމަނާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ވާހަކަފުޅުދައްކަވާފައިވާތީކަމަށެވެ. އަދި އެކަމަނާ ތަކުރާރުކޮށް އެގޮތަށް ޢަމަލުކުރައްވާކަމަށް ނިހާން ތުހުމަތުކުރެއްވިއެވެ. ނިހާން ވިދާޅުވީ، މިނިސްޓަރ މާރިޔާ ޤައުމީ ސަލާމަތު ކޮމިޓީއަށް ޙާޒިރުކުރުމަށް މަސައްކަތްކުރެއްވިކަމަށާ އެކަން ކާމިޔާބު ނުވުމުން، އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުއްވީކަމަށެވެ.

"މާރިޔާ ރާއްޖެއާ ގުޅޭގޮތުން އިންޑިއާގައި ދެއްކެވި ވާހަކަތަކަކީ ކަންބޮޑުވާ ވާހަކަތަކެއް. އެއީ ވަޒީރެއްގެ ހައިސިއްޔަތުން ދެއްކެވިގެންވާނެ ވާހަކަތަކެއްނޫން. ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް މި މައްސަލައަކީ." ނިހާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ދިހަ މެންބަރުން ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 39ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމުން މަޖިލީހުގައި ބަހުސް ފެށުމުގެ 14ދުވަސް ކުރިން އެވަޒީރަކަށް އެކަން އަންގަންވާނެކަމަށެވެ. އަދި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އެވަޒީރަކަށް ލިބިގެންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، ސަރުކާރު ކޯލިޝަނުން ބުނެފައިވަނީ އެކަމަނާއަށް ސަރުކާރުގެ ފުރިހަމަ އިތުބާރު އެބަ އޮތްކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލާނެކަމަށެވެ.