ޓުއަރިޒަމް

މިއަހަރު ބޮޑަށް އިސްކަންދޭނީ ރޯޑްޝޯތައް ބޭއްވުމަށް - މަޓާޓޯ


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް، މަޓާޓޯއިން މިއަހަރު ބޮޑަށް އިސްކަންދޭނީ ރޯޑްޝޯތައް ބޭއްވުމަށްކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަޓާޓޯގެ ރައީސް އަބްދުއްﷲ ސުއޫދު ވިދާޅުވީ، އެގްޒިބިޝަންތަކުގައި ބައިވެރިވުމަށްވުރެ މަޓާޓޯއިން މިއަހަރު ބޮޑަށް އިސްކަންދޭނީ ރާއްޖެއިން ބޭރުގެ އެކި މަންޒިލްތަކުގައި ރޯޑްޝޯތައް ބޭއްވުމަށްކަމަށެވެ. އޭޝިޔާގެ އެކި ޤައުމުތަކުގައި ރޯޑްޝޯތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރު އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައިވާކަމަށެވެ. މަޓާޓޯގެ މިއަހަރުގެ މަސައްކަތް ފެށީ މި މަހު މެދުއިރުމަތީގައި ބޭއްވި ރޯޑްޝޯއިންކަމަށް ސުއޫދު ވިދާޅުވިއެވެ.

"އެގްޒިބިޝަންއަށްވުރެ ބޮޑަށް ރޯޑްޝޯތައް އޮންނާނީ. 5 އެގްޒިބިޝަނާއި 6 ރޯޑްޝޯ އުޅޭނެ. އޭޝިޔާ ޤައުމުތަކުގައި ބޮޑަށް ކުރިއަށްދާނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭތަނެއް އެއީ އިންޑިއާ. އިންޑިއާގައި 3 ނުވަތަ 4 ރޯޑްޝޯ އޮންނާނެ." މަޓާޓޯގެ ރައީސް އަބްދުއްﷲ ސުއޫދު ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ހިއުމަން ކެޕޭސިޓީ ބިލްޑިންގ ޕްރޮގުރާމްތައްވެސް ކުރީ އަހަރަށްވުރެ ފުޅާދާއިރާއެއްގައި ހިންގުމަށް މަޓާޓޯއިން ވަނީ ނިންމާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމަށް 15 ޓްރެއިނިންގ ޕްރޮގުރާމް ހިންގުމަށް ހަމަޖެހިފައިވާކަމަށް މަޓާޓޯއިން ބުނެއެވެ. މަޓާޓޯއިން ބުނީ މިއަހަރު އެ އެސޯސިއޭޝަނުން ރާއްޖެ ޕްރޮމޯޓްކުރާނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ ޕްރޮމޯޓް ނުކުރާ މަންޒިލްތަކުގައިކަމަށެވެ.