ޚަބަރު

ލިވަޕޫލް އަތުން ހޯދި ޕޮއިންޓަކީ ޓީމް ރޫހު ވަރުގަދަވުމުން ލިބުނު ޕޮއިންޓެއް - ސޮލްޝެއާ


ލިވަޕޫލް އަތުން ހޯދި ޕޮއިންޓަކީ ޓީމް ރޫހު ވަރުގަދަވުމުން ލިބުނު ޕޮއިންޓެއްކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އޮލަ ގަނަ ޝޮލްޝަޔާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި، ލިވަޕޫލް ވާދަކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ތިން ކުޅުންތެރިއަކަށް އަނިޔާވެ ކޯޗު ތިން ބަދަލެއް ގެންނަން ޖެހުނެވެ. އަދި މާކަސް ރަޝްފޯޑް މެޗު ފުރިހަމަކުރީވެސް އަނިޔާގައި ހުރެގެންކަން ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ޝޮލްޝަޔާ ބުނީ އަނިޔާގެ ސަބަބުން ބަލިކަށިވެފައިއޮތް ޔުނައިޓެޑުގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރިކަމަށެވެ. މެޗުގައި ގޯލް ޖަހާނެ ފުރުސަތުތައްވެސް އުފެއްދީ ޔުނައިޓެޑުންކަމަށާއި، ލީގުގެ އެއްވަނައިގައި އޮތް ޓީމް އަތުން ޕޮއިންޓެއް ލިބުމަކީ ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.

މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޔުނައިޓެޑު އަތުން މޮޅުވެވުނީސްކަމަށާއި، ގެއްލުނީ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި މެޗުގައި ގޯލް ޖަހާނެ އެއްވެސް ފުރުސަތެއް ލިވަޕޫލަށް ތަނަވަސް ނުކުރެވުނުކަމަށްވެސް ކޯޗު ކްލޮޕް ބުންޏެވެ.