ކުޅިވަރު

މަޢުރޫފް ޓީމުން ބާކީ ކުރީ އޭޝިއަން ގޭމްސްގެ އަހުލާގީ މިންގަނޑުތަކާއި ހިލާފުވުމުން - ވޮލީ ބޯލް އެސޯސިއޭޝަން


ގައުމީ ސީނިއަރ ވޮލީ ޓީމުން ސެޓަރ އަލީ މަޢުރޫފް ބާކީ ކުރީ ނިމިގެންދިޔަ އޭޝިއަން ގޭމްސްގެ އަހުލާގީ މިންގަނޑުތަކާއި ހިލާފުވުމާއި ގުޅިގެންކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އެސޯސިއޭޝަން މިހެން ބުނެފައިވަނީ އަލީ މަޢުރޫފް ގައުމީ ސީނިއަރ ވޮލީ ޓީމުން ބާކީކުރުމުން، އެކަމުގެ ސަބަބުން ހޯދުމަށް އޭނާ އެސޯސިއޭޝަންގައި ފޮނުވި ސީޓީއަކާއި ގުޅިގެން ދިން ޖަވާބުގައެވެ. އަލީ މަޢުރޫފް އެސޯސިއޭޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގައުމީ ޓީމަށް އެތައް ދުވަހަކު ހިދުމަތްކޮށްދީފައިވާ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، އޭނާ ޓީމުން ބާކީކުރި ކަމުގެ ސަބަބު އެސޯސިއޭޝަންއިން އަންގާފައި ނުވާކަމަށެވެ.

އެސޯސިއޭޝަނުން މަޢުރޫފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މައުރޫފް ޓީމުން ބާކީކޮށްފައިވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ގައުމީ ވޮލީ ޓީމްގެ ބައެއް ކުޅުންތެރިންގެ ފަރާތުން އަހުލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލް ތަކެއް ފެނިފައިވާތީކަމަށެވެ.
އެސޯސިއޭޝަންއިން ރިޔާއަތް ކޮށްފައިވަނީ މުބާރާތުގެ ޗެފް ޑިމިޝަން ހުށައަޅާފައިވާ ރިޕޯޓަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އިންޑޮނޭޝިޔާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި އެކުލަވާލާފައިވާ އުސޫލާއި ޙިލާފަށް ރާއްޖޭގެ ވޮލީބޯޅަޓީމްގައި ހިމެނޭ 5 ކުޅުންތެރިން އަމަލުކޮށްފައިވާކަން މުބާރާތުގެ އިންތިޒާމް ކޮމެޓީންވަނީ ރާއްޖޭގެ ޗެފް ޑިމިޝަނަށް އަންގާފައެވެ. ސީނިއަރ ބައެއް ކުޅުންތެރިންވަނީ ގޭމްސް އިންތިޒާމް ކުރި ފަރާތުގެ އޮފިޝަލްގެ ހުއްދައަކާއި ނުލާ، ވިލެޖުން ބޭރަށް ގޮސް، އަދި ބޭރަށް ދިޔައިރު ވޮލަންޓިއަރުންގެ ތެރެއިން މީހަކު އޭނާގެ ނުރުހުމުގައި ބޭރަށް ގެންގޮސްފައެވެ.

މިއަމަލާއި ގުޅިގެން އިންތިޒާމް ކޮމިޓީންވަނީ ވޮލީ ޓީމަށް އޭޝިއަން ގޭމްސްގެ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ނުދީ މުބާރާތުގައި ބައިވެރިވި ކަމުގެ ސެޓްފިކެޓްވެސް ނުދިނުމަށް ނިންމާފައެވެ. މިކަން އިތުރަށް ބެލުމަށް އެސޯސިއޭޝަނުން މިފަސް ކުޅުންތެރިން އެސޯސިއޭޝަނަށް ހާޒިރުވުމަށް އެންގުމުން އަލީ މަޢުރޫފް ފިޔަވާ އެހެން ހުރިހާ ކުޅުންތެރިންވަނީ އެސޯސިއޭޝަންއަށް ހާޒިރުވެ ކަން ހިގާދިޔަގޮތް ކިޔައިދީފައެވެ. އަދި އެސޯސިއޭޝަނަށް ހާޒިރުވުމަށް އަލީ މަޢުރޫފަށް ދެވުނު ދެ ފުރުސަތަށްވެސް މަޢުރޫފްވަނީ ފުރަގަސްދީފައެވެ.

ގޭމްސް ކުރިއަށްދިޔައިރު އަލީ މަޢުރޫފްވަނީ ޓީމްގެ އޮފިޝަލުންނާއި ބޭއަދަބީ ބަހުން ވާހަކަދައްކާ، ޓީމް ދޫކޮށްލުމަށްފަހު، ޓީމާއި ވަކިން މާލެއުމަށްޓަކައި މަސައްކަތްކޮށްފައެވެ. އަލީ މަޢުރޫފްގެ އަމަލުތައް މިގޮތަށް ހުރުމާއި ޓީމް ދޫކޮށް ދިއުމަށް ގޭމްސްގައި މަސައްކަތް ކޮށްފައިވާތީ އެކަމުން ދައްކައިދެނީ އަލީ މަޢުރޫފް ވޮލީބޯޅަ ޓީމަށް ކުޅެން ބޭނުން ނުވާކަންކަމަށް ވޮލީ ބޯލް އެސޯސިއޭޝަނުން މަޢުރޫފަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.