ޚަބަރު

އާސަންދަ އަދި އެންސްޕާގެ ޙިދުމަތް ދިނުމަށް އައިޖީއެމްއެޗުގައި ކައުންޓަރެއް ޤާއިމްކޮށްފި


ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް އާސަންދައިގެ ޙިދުމަތާއި އެންސްޕާގެ ޙިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އައިޖީއެމްއެޗުގައި ޑިސްޕެޗް ކައުންޓަރެއް ގާއިމްކޮށްފިއެވެ.

އައިޖީއެމްއެޗާއި، އާސަންދަ، އެންސްޕާ އަދި ޖެންޑަރ މިނިސްޓްރީން ގުޅިގެން ކުރިއަށްގެންދާ މި ޙިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލްސަރވިސަސް ޝިދާތާ ޝަރީފްއެވެ.
ޙިދުމަތް ފައްޓަވައި ދެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރު ވިދާޅުވީ މިއީ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ޙިދުމަތް ލިބޭނޭ މަގު ތަނަވަސްކޮށްދިނުމުގެ މަޤްސަދުގައި ތައާރަފްކުރި ޙިދުމަތެއްކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ހަޤީޤަތެއް ރައްޔިތުންނާއި ގާތުން ފަސޭހަކަމައިއެކު ޙިދުމަތްތައް އެބަ ދޭންޖެހޭ. ވަރަށްގިނަ ރައްޔިތުން އެބަ އާދޭ އައިޖީއެމްއެޗަށް ޙިދުމަތްހޯދުމަށް. އާސަންދައިގެ ޙިދުމަތް ހޯދުމަށް ދާންޖެހޭ ތަނަށްގޮސް ޙިދުމަތް ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ. މިއީ ރައްޔިތުންނަށް ކުރިމަތިވާ ވަރަށްބޮޑު ތަކުލީފެއް" މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލްސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ޤާއިމްކުރި މި ޑިސްޕެޗް ކައުންޓަރު މެދުވެރިކޮށް މިއަދުންފެށިގެން އާސަންދަ އާއި އެންސްޕާގެ ޙިދުމަތައް އެދޭ ފޯމްބަލައިގަތުންފަދަ ކަންކަން ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން އާސަންދައާއި އެންސްޕާގެ ޙިދުމަތްތަކާއި ގުޅޭ އެނޫންވެސް މައުލޫމާތުތައް މިއަދު ތައާރަފްކުރި ކައުންޓަރުން ލިބިގެންދާެއެވެ.

މި ކައުންޓަރުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 ރޭގަނޑު 21:00އަށެވެ. އަދި މި ކައުންޓަރުގައި ހަރަކާތްތެރިވަމުންދާނީ އާސަންދައާއި އެންސްޕާގެ މުވައްޒަފުންނެވެ.