ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަ ހޯމް ފައިނޭންސިންއެއް


  • ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް ފައިނޭންސިން ފެސިލިޓީ ދޫކުރާނެ

  • ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އައު ހޯމް ފައިނޭންސިންއެއް ތަޢާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ތަޢާރަފްކުރި އައު ހޯމް ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް އެ ފެސިލިޓީ ފޯރުކޮށްދިނުމުގެ މަޤްސަދުގައިކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލްއިން ވިދާޅުވީ، އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ތަޢާރަފްކުރި އެ ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށެވެ.

އަދި މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި ޑޮލަރުން މުސާރަލިބޭ ދިވެހިންނަށްކަމަށެވެ. އަދި އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބަލާނެކަމަށާއި، އެ އާމްދަނީ ވާންޖެހޭނީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީއަކަށްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މި ސްކީމްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ފެސިލިޓީ ތަޢާރަފްކުރެވުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

"މި ފެސިލލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިްޤްތިސާދުގައި އެންމެ މުހިންމު އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް. ފަތުރުވެރިކަމަކީ ރާއްޖޭފެ އިޤްތިސާދުގެ މައިބަދަ ކަމަށްވާއިރު މިއީ އެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް". ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް އެ ފައިނޭންސިން ފެސިލިޓީ ދޫކުރާނެއެވެ. ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެ ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ.