އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓު ފަޅާލައި ވަގަށް ގެންދިޔަ ތިޖޫރި ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓު ފަޅާލައި ގެންދިޔަ ތިޖޫރި ފެނިފައިވަނީ އެރަށު ރީޖަނަލް ހޮސްޕިޓަލާއި ދިމާ ފުއްޓަރު ފަރާތުން ކަމަށެވެ. އެ ސަރަޙައްދު ފުލުހުން ބަލާފައިވަނީ އެ އިދާރާއަށް ލިބުނު އިންޓަލިޖެންސް މަޢުލޫމާތަކާ ގުޅިގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓު ފަޅާލައި އެތަނުގެ ތިޖޫރި ވަގަށް ގެންގޮސްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. ތިޖޫރި ވަގަށް ގެންދިޔައިރު އޭގައި 50،000 ރުފިޔާ ހުންނާނެ ކަމަށް ހިތަދޫ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓުން ހާމަކުރެއެވެ. ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓުގެ ތިޖޫރި ވަގަށް ނަގާފައިވަނީ އެތަނުގެ މައި ދޮރު ހަލާކުކޮށްލައިގެންނެވެ.