ޚަބަރު

އެއަރޕޯޓް ފެރީ، ހުޅުމާލެ ފެރީ ޓަރމިނަލަށް


ވެލާނަ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ފެރީ ފުރުން، މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓަރމިނަލަށް ބަދަލުކޮށްފިއެވެ. އެމްޓީސީސީއިން ވިދާލުވެފައިވަނީ މިބަދަލު ގެނައީ ޓްރާންސްޕޯޓް މިނިސްޓްރީއާ އެމްޓީސީސީއާ މަޝްވަރާކުރުމަށްފަހުކަމަށެވެ. އެގޮތުން މިރޭ 12އިން ފެށިގެން ހުޅުލެއަށް ދަތުރު ކުރާނީ، ހުޅުމާލެ ޓަރމިނަލުންކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޓަރާންސްޕޯޓް ޑިވިޝަންގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު ނާޒިމް ވިދާޅުވީ މި ބަދަލުގެނައީ، ބްރިޖާއެކު ހުޅުމާލޭގެ ފެރީ ޓަރމިނަލްގެ ބާރު ކުޑަވެ، އެކަމަށް ބޭނުންވާ ޖާގަ ޓަމިނަލުގައި އޮތުމުންކަމަށެވެ. އަދި މިބަދަލަށް ބޭނުންވާ، ފެސިލިޓީތައް މިހާރު ހުޅުމާލެ ޓަރމިނަލްގައި ޤާއިމުކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއާއެކު މަޝްވަރާކޮށް މިބަދަލު ގެނައުމަށް ނިންމީ، ހުޅުލެއަށް މިހާރު ފުރާ، ނަސަންދުރާ ކުރިމަތި ސަރަޙައްދަކީ އެކަމަށް އެންމެ އެކަށީގެންވާ ތަނަކަށް ނުވާތީކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. ނާޒިމް ވިދާޅުވީ އެތަނުގައި މަޑުކޮށްލައިގެން ތިބުމާއި، އިށީނދެލައިގެން ތިބެވެން ނެތުމުގެ އިތުރަށް ފެރީން މީހުން ފައިބާވަގުތު މަގުމައްޗައް މީހުން ގިނަވުމުން، މަގުގައި ދުއްވާ ފަރާތްތަކަށްވެސް އޭގެ އުނދަގޫ ކުރިމަތިވާކަމަށެވެ.

ހުޅުލެއާއި މާލެއާދެމެދު ފެރީ އޮޕަރޭޓްކުރަނީ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ، އެއަރޕޯޓް ފެރީ އޮޕްރޭޓަރސް އެސޯސިއޭޝަނުންނެވެ. އެއަރޕޯޓަށް ހެނދުނު ހަޔަކުން، ރޭގަނޑު 12އަށް ފެރީ ދަތުރުތައް ކުރަނީ ކޮންމެ ދިހަމިނެޓަކުން ދިހަމިނެޓަކުންނެވެ. އަދި ދަންވަރު 12އިން 1:30އާއި، ފަތިހު 4އިން ހެނދުނު 6އަށް ދަތުރުކުރަނީ ކޮންމެ 15 މިނެޓަކުންނެވެ. ދަންވަރު 1:30އިން ފަތިހު 4އާ ދެމެދު ދަތުރުުކުރަނީ ކޮންމެ 30މިނެޓަކުންނެވެ.