ޚަބަރު

ރައީސް ޞާލިޙް މަޖިލިސްކުރާ ގޭގެ މަރާމާތުގެ މަސައްކަތްތައް ބައްލަވާލައްވައިފި


ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް މިރޭ ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ކުރާ ގެއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ނާއިބު ރައީސް މޫސާ މަނިކު އަދި މަޖިލީހުގެ އިދާރާގެ އިސް މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ކުރާ ގޭގެ މަރާމާތުގެ މަސައްކަތް ބައްލަވާލައްވާފައި މިވަނީ، ބޮޑެތި މަރާމާތުގެ މަސައްކަތްތަކަށްފަހު މާދަމާ މަޖިލީހުގައި ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާ މިމަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށްފަހު އަދި މިހާތަނަށް ޖަލްސާއެއް ބާއްވާފައެއްނުވެއެވެ. މިހާތަނަށް ޖަލްސާއެއް ބާއްވާފައި ނުވަނީ އެ އިދާރާގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީއެވެ. އެގޮތުން މަޖިލީހުގެ ވަށައިފާރުވަނީ އުސްކޮށް އެނޫންވެސް އެހެން މަރާމާތުގެ މަސައްކަތްކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ މަޖިލީހުގައި ގިނަ އަހަރުތަކެއް ވަންދެން މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފަންސަވީސް އަހަރު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު ހޭދަކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ އިދާރާއަކީ، 1971 ވަނަ އަހަރު ޤާއިމްކުރި ޢިމާރާތެކެވެ. އަދި މަޖިލީހުގެ 13 ފަންގިފިލާގެ އައު ޢިމާރާތެއް ބިނާކޮށް މިއަހަރުގެ ތެރޭގައި އެ ޢިމަރާތުގެ ބޭނުން ހިފާނެކަމަށް ކުރިން މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.