ސިޔާސީ

ނަޝީދުގެ ޝަރީއަތުން ހާމަވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ވަރުގަދަކަން


ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދަޢުވާގެ ޝަރީޢަތާއި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ހުކުމުން ހާމަކޮށްދެނީ ރާއްޖޭގެ ޑިމޮކްރަސީގެ ވަރުގަދަކަން ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ދަޢުވާގެ ޝަރީޢަތާއި، އެމަނިކުފާނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމުން ހާމަވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ވަރުގަދަކަންކަމަށާއި، އެއްވެސް މީހަކީ ޤާނޫނުގެ ހައްދުން މަތީގައި ވާނެ މީހެއް ނޫންކަންކަމަށެވެ.ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހިމެނި ވަޑައިގަންނަވަނީ، ޚާރިޖީވަޒީރުގެ ދުންޔާ މައުމޫންގެ އިތުރުން، ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބާއި، ބަންޑާރަ ނައިބު މުހައްމަދު އަނިލްއެވެ.މިޕްރެސް ބްރީފިންގގައި ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދަށް ހުކުމް ކުރެއްވި ފަހުން ރާއްޖޭގެ އެތެރޭގެ ހާލަތު އާދައިގެ ހާލަތަކަށް ބަދަލުވެފައިވާކަމަށާއި، ރާއްޖޭގެ ހާލަތާ ބެހޭ މަޢުލޫމާތު ކަމާބެހޭ ބޭރުގެ ފަރާތްތަކާ ހިއްސާ ކުރެވެމުން ދާކަމަށާއި، އަދި ރާއްޖޭގައި އިންވެސްޓްމެންޓް ކޮންފިޑެންސް ވަރަށް ބޮޑަށް އެބައޮތްކަމަށް ބަޔާން ކުރެއްވިއެވެ.