ވިޔަފާރި

މަންޓާ އެއަރގެ ދަތުރުތައް ހުވަދޫ އަދި އައްޑޫސިޓީއަށް ފަށަނީ!


މަންޓާ އެއަރގެ ދަތުރުތައް ރާއްޖޭގެ ދެކުނަށް ފެށުމަށް އެ އެއަރލައިނުން ތައްޔާރުވެއްޖެއެވެ.
މަންޓާ އެއަރ އިން ވަނީ، އަންނަ މަހުގެ ތެރޭގައި އިތުރު ބޯޓެއް ގެނައުމަށް ނިންމާފައެވެ. މި ފްލައިޓާއިއެކު މަންޓާގެ ދަތުރުތައް އައްޑޫ ސިޓީއާއި ހުވަދުއަތޮޅަށް ފަށާނޭކަމަށް އެ އެއަރލައިނުން ވަނީ ހާމަކޮށްފައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަންޓާ އެއަރގެ ޗީފް މާރކެޓިންގ އޮފިސަރ އަހުމަދު މަޢުމޫން ވިދާޅުވީ، މަންޓާ އެއަރގެ މަޤްސަދަކީ އާބާދީއަށް ނުބަލައި، ފްލައިޓްތައް އިތުރުކޮށް މުޅި ރާއްޖެއަށް ދަތުރުތައް ފުޅާކުރުންކަމަށެވެ. އެގޮތުން 2 ފްލައިޓާއެކު ދ.ކުޑަހުވަދުއަށް މިހާރު ދަތުރުފެށިނަމަވެސް، އަންނަމަހު އިތުރު ފްލައިޓެއް ގެނެސް، އިތުރު މަންޒިލްތަކަށް ދަތުރު ފަށާނެކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

"ތިންވަނަ ފްލައިޓް އަންނަ މާޗްމަހު ކުރީކޮޅު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފަ. މިއާއިއެކު އައްޑޫ ސިޓީއާއި ހުވަދުއަށް ވަރަށް އަވަހަށް ދަތުރުތައް ފަށާނަން." މައުމޫން ވިދާޅުވިއެވެ.

މަންޓާ އެއަރއިން ގެންދަނީ ސީ ޕްލޭން ދަތުރުތައް ފެށުމަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރުވެސް ސިޕްލޭންތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަންޓާ އެއަރއިން ބުނެއެވެ. އެގޮތުން ސީ ޕްލޭން ދަތުރުތައް ފެށުމަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއިއެކު އެގްރިމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މަންޓާ އެއަރއިން ބުނެއެވެ.

"އޭޕްރީލް މަސް ނިމުމުގެ ކުރިން ސީޕްލޭންގެ ޚިދުމަތްދޭން ފަށާނަން. މިއަހަރު ނިމޭއިރު 10 ސީޕްލޭން، މަންޓާ އެއަރގެ ޕްލީޓަށް އިތުރުކުރާނަން." މައުމޫން ވިދާޅުވިއެވެ.

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ އާދިއްތަދުވަހުއެވެ. މަންޓާ އެއަރއިން ބުނީ، ފުރަތަމަ ދުވަހުގެ ދަތުރުތައް ނިންމާލާފައިވަނީ ވަރަށް ކާމިޔާބުކޮށް ކަމަށާއި، ފަސެންޖަރުންގެ ފަރާތުން ލިބުނު ފީޑްބެކް ވަރަށް ރަނގަޅުކަމަށެވެ. މަންޓާ އެއަރއިން ވަނީ އެ އެއަރލައިނުގެ ދަތުރުތައް ކުރިއަށްއޮތް ހަމަސްދުވަހަށް ޝެޑިއުލްކޮށްފައެވެ. އެގޮތުން 14 ދުވަހާއީ، 7 ދުވަހުގެ ކުރިން ޓިކެޓް ނަގާނަމަ، ކަނޑައެޅިފައިވާ ފެއަރތަކުގެ ތެރެއިން ޓިކެޓް ގަންނަން ލިބޭއަގު ހެޔޮވާނެކަމަށްވެސް މަންޓާއިން ބުނެއެވެ.

މަންޓާ އެއަރއިން ބުނާގޮތުގައި އެ އެއަރލަނުގެ ފްލައިޓްތަކުގެ ޝީޓުތައް ފަރުމާކޮށްފައިވަނީ، އިށީނދެގެންތިބޭއިރު، އުނދަގުނުވާގޮތަށް ޖާގަ ތަނަވަސްކޮށެވެ. އަދި އިންޖީނު އަޑުމަޑުވެފައި، ކޭޓަރިންގެ ކަންކަންވެސް ތަފާތުވާނެކަމަށް އެ އެއަރލައިނިން ބުނެއެވެ.