ތަޢުލީމު

ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީއަށް ސްކޫލުތައް އަހުލުވެރި ކުރުވަނީ


ތައުލީމީ ދާއިރާގެ ތެރެއިން ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީއެއް އެކުލަވާލެވިގެން ދިޔުމަކީ ކުޑަކުދިންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.އެކަމަނާ މިހެން ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީއަށް ސްކޫލުތައް އަހުލުވެރިކުރުވުމުގެ ގޮތުން ބޭއްވި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އަލަށް އެކުލަވާލި ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީގެ ދަށުން، ދަރިވަރުންނަށް ބޭނުންވާ ރައްކާތެރިކަމާއި، ހަމަހަމަކަން ޤާއިމުކޮށްދިނުމަށް ސްކޫލުތަކަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާނެކަމަށް ވިދާޅުވިއެވެ. އަދިއެ މަސައްކަތް ކުރުމުގައި ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ސްކޫލަކީ، ދަރިވަރުން އެތަނެއްގައި ވަރަށްގިނަ ވަގުތުތަކެއް ހޭދުކުރަންޖެހޭ ތަނަކަށްވާއިރު، ސްކޫލު މާހުލަކީ ދަރިވަރުންނަށް އެންމެ އެކަށީގެންވާ މާހުލުތޯ އެކުދިންގެ ބެލެނިވެރިންނަށް ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ. އަދި މިހާރު މުޖުތަމައު ތެރޭގައި އާއްމުވަމުންދާ ބުލީ ކުރުން ނުވަތަ ހަނގާކުރުން ހުއްޓުވުމަށް ހެދިފައިވާ "އެންޓި ބުލީން ޕޮލިސީ"އާއި ގުޅޭގޮތުންވެސް މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން މައުލޫމާތުދެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ ހުރިހާ ސްކޫލުތަކެއް ހިމެނޭގޮތަށް ނުވަދިހަ ފަސް މަންދޫބުން ވަނީ ބައިވެރިވެފައެވެ.މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި، ޤާވާއިދުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ މަސައްކަތު ބައްދަލުވުންތައް އަތޮޅުތަކުގެ ސްކޫލުތަކުގައި ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.