ޚަބަރު

ކެމްޕެއިން ފައިނޭންސްގެ ޤާނޫނެއް އެކުލަވާލަމުން އަންކަމަށް އީސީން ބުނެފި


އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ މާލީ ހާލަތު ބަޔާންކުރާ "ކެމްޕެއިން ފައިނޭންސްގެ ޤާނޫނެއް" އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މަޢުލޫމާތުދެއްވަމުން އަޙްމަދު ޝަރީފް ވިދާޅުވީ، އެ ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެ ބިލް އަންނަ ރައްޔިތުންގެ މަޖިލިސް އިންތިބު ނިމި އަލަށް ހޮވޭ މަޖިލީހަށް ހުށައެޅުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މި ބިލް ޤާނޫނަކަށް ވުމުން ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ކެނޑިޑޭޓުންގެ މާލީ ހާލަތާއި މާލީ ބަޔާން ޢާންމުކުރުންފަދަ ގިން ކަންކަން ހަރުދަނާވެ ރައްޔިތުންނަށް ކެނޑިޑޭޓުންނާގުޅޭ ގިނަ މަޢޫލޫމާތުތަކެއް އެނގިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

"ދެން އަންނަ މަޖިލީހަކަށް އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކެމްޕެއިން ފައިނޭންސްގެ ޤާނޫނެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ." ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނުނުގެ 73 ވަނަ މާއްދާގައި ވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމާއެކު އިންތިޚާބު ބޭއްވި ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި ކޮންމެ ކެނޑިޑޭޓަކުވެސް މާލީ ބަޔާން ހުށައަޅާންޖެހޭނެކަމަށް ބުނެފައިވެއެވެ. އެއީ އިންތިޚާބަށް ކެނޑިޑޭޓް ޚާއްޞަކޮށްފައިވާ އެކައުންޓާކުން ކުރާ ޚަރަދަށް ވާނެޖެހޭނެކަމަށާއި، ކުރެވުނު ޚަރަދުގެ ތަފްސީލް ހިމަނަންޖެހޭނެކަމަށް ބުނެފައިވެއެވެ. މިއީ ދައުކަތުގެ ކަމާބެހޭ އިދާރާއަކުން އެކްރެޑިޓް އޮޑީޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންޖެހެއެވެ.

ހުށަނާޅައިފިނަމަ ކެނޑިޑޭޓު ނުވަތަ އޭޖެންޓް ޒިންމާވާންޖެހޭނެއެވެ. އީސީން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ޞޭއްވުމުގެ ކުރިން ކެނޑިޑޭޓުން ޟާލީ ބަޔާން ހުށައަޅާން ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް އަލަށް އެކުލަވާލާ ޤާނޫނުގެ ސަބަބުން ކެނޑިޑޭޓުންގެ މާލީ ކަންކަން ޤާނޫނީގޮތުން ހަރުދަނާވެގެންދާނެކަމަށް އީސީން ބުނެއެވެ.