ސިއްހަތު

އަމާޒަކީ އޭޑީކޭއިން އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިނުން


އޭޑީކޭގެ އަމާޒަކީ ސިއްހީ ދާއިރާގެ ހިދުމަތްތައް ކުރިއަރުވާ ރާއްޖެއިން އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އޭޑީކޭ ހޮސްޕިޓަލް އިން ބުނެފިއެވެ.އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ މި ހޮސްޕިޓަލް އިން ހިދުމަތް ނުދެވި އެހެން ހޮސްޕިޓަލްތަކަށް މީހުން ފޮނުވާލަންޖެހޭ ނިސްބަތް ދަށްކޮށް ކުރިއަށް އޮތްތަނުގައި އެގޮތަށް މީހުން ފޮނުވާލަންޖެހުން ހުއްޓުމަކަށް ގެނައުމުގެ ގޮތުން މިއަހަރުތެރޭ ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ.އެގޮތުން މިހާރު ކުރަމުންދާ ބައެއް މުހިއްމު މަސައްކަތްތަކުގެ ތެރޭގައި އެންމެ ޒަމާނީ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރެއް ގާއިމްކުރުމުގެ މަސައްކަތުގެ އިތުރަށް ކްރިޓިކަލް ކެއާ ޔުނިޓަކާއި ހިތުގެ ބައްޔަށް ފަރުވާދޭ ކާޑިއެކް ލެބެއްގެ މަސައްކަތް ހިމެނޭ ކަމަށް އައްފާލް ވިދާޅުވިއެވެ. އަދި މި ތިން ތަނުންވެސް މި އަހަރުގެ ތެރޭގައި ހިދުމަތްދޭން ފަށާނެ ކަމަށާއި އެމް.އާރް.އައި.ގެ ހިދުމަތް ވެސް އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު މިމަހުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލުގައި ފަށާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.