ޚަބަރު

ކިޑްސް ފުޓްބޯލް ފިއެސްޓާއަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ފިއެސްޓާ - ޝަމީމް


އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު މާލޭގައި ބޭއްވި މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާއަކީ މިހާތަނަށް ސޮކަރ ވެޓްރަންސް އެސޯސިއޭޝަނުން ބޭއްވި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ފިއެސްޓާ ކަމަށް އެ އެސޯސިއޭޝަންގެ ޗެއަރމަން ޢަލީ ޝަމީމް ބުނެފިއެވެ.

މާލޭގެ އަށާރަ ސްކޫލަކުން ބައިވެރިވެ މިމަހުގެ ވިހިން ތޭވީހުގެ ނިޔަލަށް ހެންވޭރު ދަނޑުގައި ކުރިޔަށްގެންދިޔަ މި ފިއެސްޓާ ނިންމާލުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ޝަމީމް ބުނީ، މި ފިއެސްޓާއަކީ ހުއްޓާލާވަރުގެ ފިއެސްޓާއެއް ނޫންކަމަށާއި، މި ފިއެސްޓާއިން އެކުދިންގެ ހުނަރާއި މިކަމަށް ހުރި ޝައުގުވެރިކަން ފެނިގެން ހިނގައްޖެކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅާއިގެ މުސްތަގުބަލެއް އޮތްކަމާއި، ފުޓްބޯޅަ ކުޅޭހިތްވާ ކުދިންތަކެއް ތިބިކަން މި ފިއެސްޓާގެ ސަބަބުން ފެނިގެން ހިނގައްޖެކަމަށް ޝަމީމް ބުންޏެވެ.

މުބާރާތުގެ ގްރޭޑް ދޭއްގެ ކެޓަގަރީގައި މިއަހަރު ޖުމްލަ 18 ސްކޫލެއް ވާދަކުރިއިރު ތިނެއްގެ ކެޓަގަރީގައިވެސް ބައިވެރިވެފައިވަނީ 18 ސްކޫލްއެވެ. އަދި އަންހެން ބައިގައި 7 ސްކޫލް ބައިވެރިވިއެވެ. މި ފިއެސްޓާ މިއަހަރުގެ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިޔަށްގެންދާނެކަމަށް ސޮކަރ ވެޓްރަންސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.