ތަޢުލީމު

ޑީ.ޕީ.އީގެ ޑިރެކްޓަރކަމުން ޝަކީބު ދުރުކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި


ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން، ޑީ.ޕީ.އީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަކީބު އެ މަޤާމުން ދުރުކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިބަދަލު ގެންނެވީ އެ މިނިސްޓްރީގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުންކަމަށެވެ. ޑީ.ޕީ.އީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުން ޝަކީބު ދުރުކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާއިރު، ހަމަ އެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވަމުން ގެންދެވި އޭނާގެ އަނބިކަނބަލުންވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ. އަދި ޑީ.ޕީ.އީ ހިންގުން އެތަނުގެ އެހެން މުވައްޒަފަކާއި އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ހަވާލުކޮށްފައެވެ.

ޑި.ޕީ.އީގެ އިތުރުން އެހެނިހެން ސެކްޝަންތަކަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ބަދަލުތައް ގެންނަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޝަކީބާއި އޭނާގެ އަނބިކަނބަލުން ޑީ.ޕީ.އީން އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާއިރު، އެ ދެ ބޭފުޅުންނާއި ދެކޮޅަށް އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އޭ.ސީ.ސީގެ އިތުރުން އެޗް.އާރު.ސީ.އެމާއި ވަޒީފާއާ ބެހޭ ޓްރެބިއުނަލަށް މައްސަލަތަކެއް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.