ސިއްހަތު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރަނީ


ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ދެދުވަހު ކުރުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންތައް ކުރުމަށްޓަކައި އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމެއް މިއަދު އެ ރަށަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޓީމުގައި އިސްކޮށް ހުންނަވަނީ އައިޖީއެމްއެޗުގެ ކަށީގެ ޚާއްޞަ ޑޮކްޓަރ، ޑޮކްޓަރ މުޒުނީ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. މި ޓީމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްއޮތް ދެދުވަހު ކަކުލު ހުޅު ބަދަލުކުރުމުގެ 4 އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާއިރު، މި އޮޕަރޭޝަންތައް ޝެޑިއުލްކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މިއީ މާލެއިން އުތުރުގެ ރަށެއްގެ ހޮސްޕިޓަލެއްގައި މި ޚިދުމަތް ދޭންފަށާ ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިފަދަ ޚިދުމަތްތައް ލިބޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށްވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރެއް ޤާއިމްކޮށްފައިވާއިރު، މިހާރުވެސް ބައެއް އޮޕަރޭޝަންތައް އެ ހޮސްޕިޓަލުގައި ކުރަމުންދެއެވެ.