ސިޔާސީ

ހެލްތް މިނިސްޓަރަށް ރުހުންދިނުމުގެ މައްސަލަ ދާއިމީ ކޮމިޓީއަށް


ހެލްތު މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ހެންވޭރު މާބަނޑޭރިއާގެ އަހްމަދު ޒުހޫރުއަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް މިއަދު ފޮނުއްވައިފިއެވެ.އެމްޑީޕީގެ މެންބަރުން އިހްތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްހުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅުވަނީ އިއްވަވާފައެވެ.ހެލްތް މިނިސްޓަރގެ މަގާމަށް މިދިޔަ އަންގާރަ ދުވަހު ޒުހޫރު އައްޔަންކުރައްވާފައިވާއިރު، އެމަގާމުގައި ކުރިން ހުންނެވި ޑރ.މަރިޔަމް ޝަކީލާއެވެ. އަދި އޭގެ ފަހުން ކާނަލް ނާޒިމްވެސް ވަނީ ވަގުތީ ގޮތުން އެމިނިސްޓްރީ ހިންގަވާފައެވެ.ޒުހޫރު މިހާތަނާއި ޖެހެންދެން ހުންނެވީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައެވެ.މީގެއިތުރުން މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މަޖިލިސް މެންބަރުން ތާޅަފިއްޔާއި ދުންމާރި ފުމެ އަޑުގަދަ ކުރަމުންދާތީ މަޖިލިސް ވަނީ މެދުކަނޑާލާފައެވެ.މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުނު ފަހުން ހަތް ޖަލްސާއެއް ބާއްވާފައިވާއިރު އެހުރިހާ ޖަލްސާތަކެއްގައިވެސް އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އަޑުގަދަކޮށް، މަޖިލީހުގެ ރިޔާސަތަށް ހުރަސް އަޅާފައެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާކޮށްފައިވަނީ،  ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ގާނޫނަށް ހުށަހަޅާ އިސްލާހަށް ބަހުސް ކުރުމާއި ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ހެންވޭރު މާބަނޑޭރިއާގެ އަހްމަދު ޒުހޫރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާތީ އެނަން ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވުމުގެ މައްސަލައެވެ.